
ޣައްޒާގައި އިޒްރާއިލްއިން ޤާއިމްކުރި ނެޓްޒަރިމް ކޮރިޑޯއިން އަސްކަރިއްޔާގެ ފައުޖުތައް ފައިބައިފި
ޣައްޒާގައި އިޒްރާއިލްއިން ދެމުންދިޔަ ހަމަލާތައް މެދުކަނޑާލުމަށް ހަމާސް އަދި އިޒްރާއިލްއާ ދެމެދު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ނެޓްޒަރިމް ކޮރިޑޯއިން އިޒްރާއިލްގެ ފައުޖުތައް އެއްކޮށް ފައިބައިފިއެވެ. ނެޓްޒަރިމް ކޮރޮޑޯއަކީ އުތުރު ޣައްޒާ, އަދި ޣައްޒާގެ ބިމުގެ ބާކީބައި, ބިމުގެ ގޮތުން ވަކިކޮށް އިޒްރާއިލް ދަމާފައިވާ ރޮނގެކެވެ.
އުތުރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން އެތަނުން ފައްސާލުމަށްފަހު ބާކީތިބި 400,000 އެއްހާ މީހުންގެ ބަންޑަށް ޖައްސާ އުތުރުގެ ނަސްލު ނައްތާލުމުގެ ގޮތުން އިޒްރާއިލްއިންވަނީ ތިންމަހަށް ވުރެ ގިނަ ދުވަސްވަންދެން އެސަރަޙައްދު ބަންދުކޮށްފައެވެ. އެ މުއްދަތުގެ ތެރޭގައި އުތުރު ޣައްޒާއިން ފެނާއި, ބޭހާއި, ކާބޯތަކެތި ހުސްވެ, އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްކަށްވެސް އުތުރު ޣައްޒާއަށް އެރުން ވަނީ މަނާކޮށްފައެވެ. ނެޓްޒަރިމް ކޮރިޑޯގައި އަސްކަރިއްރާގެ ފައުޖުތައް ރުކުރުވާލާ އުތުރުން މީހަކު ދިޔަނުދީ, އަދި އެތެރެވިޔަނުދީ ކަރަންޓާއި މުވާސަލާތީ ހިދުމަތުންވެސް ފަލަޞްޠީނުގެ ރައްޔިތުން އެކަހެރި ކުރިއެވެ.
"އިޒްރާއިލްގެ ފައުޖުތަކުން ނެޓްޒަރިމްގެ ބޭސްތަކުން އެމީހުންގެ ޓޭންކުތަކާއެކު އެއްކޮށް ފައިބައިފި. އެއާއެކު މިހާރު ސަލާހުއްދީން މަގުން ދުއްވާ އެއްޗެއްސައްވެސް މިނިވަންކަމާއެކު ދުއްވޭނެ' އާދިއްތަ ދުވަހު ހަމާސްގެ އޮފިޝަލާ ހަވާލާދީ އަލްޖަޒީރާ ގައި ރިޕޯޓްކޮށްފައި ވެއެވެ.
ފާއިތުވެ ދިޔަ ޖެނުއަރީ 19 ވަނަ ދުވަހު އަމަލުކުރަންފެށި އެއްބަސްވުމާ އެއްގޮތަށް ނެޓްޒަރިމް އިން އިޒްރާއިލްގެ ފައުޖުތައް ފޭބުމަށް ދީފައިވާ މުއްދަތަކީ މިއަދެވެ.
އިޒްރާއިލް ސިފައިން ނެޓްޒަރިމް ކޮރިޑޯ ދޫކޮށްދިއުމާ ގުޅިގެން ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަމުން ދޭހަވަނީ އިޒްރާއިލްއިން ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރި ހަނގުރާމައިގެ އަމާޒަށް ވާސިލްވުމުގައި އިޒްރާއިލް ފެއިލްވަމުންދާ ކަމުގައެވެ. އަދި ފަލަޞްޠީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދާ ދިއުމާއި, އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ އަސީރުން މިނިވަންވެގެންދާތަށް ފެނުމަކީ 15 މަސްވަންދެން އިޒްރާއިލްއިން ކުރި ހަނގުރާމަ ކާމިޔާބުވެފައިވާކަމަށް ނަތަންޔާހޫ ބުނެފައިވާ ވުމަކީ ބޮޑު ދޮގެއްކަން ހާމަވާ ކަމެއްކަމަށެވެ.
ރިއެކްޝަންސް






