
އިމާމުން ފިޤުހުވެރިވުމުގެ މުހިންމުކަން އިސްލާމިކް މިނިސްޓަރު ފާހަގަކުރައްވައިފި
މިސްކިތްތަކުގެ އިމާމުން ފިޤުހުވެރިވުމުގެ މުހިންމުކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާހަގަކުރައްވާފިއެވެ.
އެމަނިކުފާނު މިކަން ފާހަގަކުރެއްވީ ސޯސަލްމީޑިއާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ފިޤުހުވެރިވުމަކީ ޝަރުޢީ ހުކުމްތައް އެވަގުތެއްގެ ހާލަތާ އެއްގޮތަށް ތަޠްބީޤުކުރުން ކަމަށެވެ. އަދި މިކަމަށް މަތީ ޑިގްރީއެއް ލާޒިމުނުވާ ކަމަށާއި، އަޙްކާމްތައް ތަޠްބީޤުކުރަން ދެނެގަތުން ފުދޭނެ ކަމަށް ވިދާޅުވިއެވެ.
ފިޤުހުވެރިކަމުގެ މިސާލުތަކެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ޢީދު ނަމާދަށް ވަގުތު އޮއްވާ ތެދުވުމާއި، ޖަމާޢަތް ބޮޑުވުމުން ކިޔެވުން ކުރުކުރުމާއި، ކުޑަކުދިން ރޮއިފިނަމަ ނަމާދު އަވަސްކުރުން ފަދަ ކަންކަމެވެ.
މީގެ އިތުރުން، ކައިރީގައި ހުންނަ މިސްކިތްތަކާއި ގޭގެއަށް އުނދަގޫނުވާ ގޮތަށް ނަމާދުކުރުމާއި، ބަންގި ގޮވާއިރު ތާޅަފިއްޔަށް އަޑުދިނުމާއި، ބަލިމީހުންނާއި އުޒުރުވެރިންނަށް ފަސޭހަވާނެ ގޮތަށް ނަމާދުކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ ބައެއް މިސްކިތްތަކުގެ އިމާމުން، ނަމާދަށްދާ އުމުރުން ދުވަސްވީ މީހުންނަށާއި ބަލިހާލު މީހުންނަށް ބެލުމެއް ނެތި މާ ދިގުކޮށް އަދި މާ އަޑު ބާރުކޮށް ކިޔަވާކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






