
"ޢަރަބި-މުޞްލިމު ލީޑަރުންނަށްވުރެ މި ބުޅާވެސް ފަލަޞްޠީނުގެ ހައްޤުގައި މާ ވަރުގަދަ"
އިޒްރާއިލްގެ އަސްކަރިއްޔާގެ ސިފައިންނަށް ހަމަލާދިން ބުޅަލަކަށް މީސްމީޑިއާގައި ކުއްލިއަކަށް ބޮޑު މަޤުބޫލުކަމެއް ލިބިއްޖެއެވެ. ވައިރަލް ވެފައިވާ ވީޑިއޯތަކާއެކު މީސް މީޑިއާގައި މީހުން ބުނަމުންދަނީ މި ބުޅާ އަރަބި އިސްލާމީ ލީޑަރުންނަށް ވުރެ ފަލަޞްޠީނުގެ ހައްގުގައި މާ ވަރުގަދަ ކަމަށެވެ.
'ކަރަކަލް' ނުވަތަ 'އިޖްޕްޓަން ލިންޒް' ކިޔާ ބުޅާ އާއިލާގެ މި ޖަނަވާރަކީ އާންމުކޮށް އެފްރިކާއާއި, މެދުއިރުމަތި އަދި މެދުތެރޭ އޭޝިއާގެ ހަނަފަސް ސަހަރާތަކުގައި ދިރިއުޅޭ ޖަނަވާރެކެވެ. އާންމު ބުޅަލާ ހިލާފަށް މި ބުޅަލުގެ ހަށިގަނޑު ބޮޑެވެ. އަތާއި ފައި ދިގު ނަމަވެސް މޫނާއި ނިގޫ އާދައިގެ ބުޅަލަކާ އެއްވަރެވެ. އެހެން ޖަނަވާރުނަށް ހަމަލާދެވޭ ފާޑުގެ ދިގު ދަތްތަކެއް އޭގައި ހުރެއެވެ. މިއީ އެހެން ކުދި ޖަނަވާރުގެ މަސްކައި އުޅޭ މަންމަލި ޖަނަވާރެކެވެ. މި ޖަނަވާރު އާންމުކޮށް އުޅޭނީ އެކަނި ނުވަތަ ޕެއަރ އެއް ގޮތަށެވެ.
މި ޖަނަވާރު ކުއްލިއަކަށް ބޮޑު މަޝްހޫރުކަމެއް މިހޯދީ ދާދި ފަހުން މީގެ ބުޅަލެއް އިޒްރާއިލް-މިޞްރު ބޯޑަރުކައިރީގައި ހުންނަ ހަރީފާ ފަރުބަދަމަތީ ހަނަފަސް ސަހަރާގައި އިޒްރާއިލްގެ އިސްތިއުމާތީ ސިފައިންނަށް ހަމަލާދީ އޭގެތެރެއިން ބަޔަކު ޒަހަމްކޮށްލުމާ ގުޅިގެންނެވެ.
ނަގަބް ސަހަރާގައި ހުންނަ އިޒްރާއިލްގެ އަސްކަރިއްޔާގެ ބޭސްގައި ތިބި ސިފައިންގެ ތެރެއިން ފަސްމީހަކަށް މި ބުޅާ ވަނީ ހަމަލާދީފައެވެ. އެމީހުންގެ ފަޔާއި ހަށިގަނޑުގައި ދަތްއަޅާ އެމީހުން ޒަހަމްކޮށްލާފައިވާ ވީޑިއޯތައްވެސް ދަނީ ދައުރުވަމުންނެވެ. އާންމުކޮށް އިންސާނުނަށް ހަމަލާދީ ނޫޅޭ ޖަނަވާރަކަށް ވާތީވެ އިޒްރާއިލް ސިފައިންވެސް އެސޮރުގެ ހަމަލާއެއް އެފަދަ ގޮތަކަށް އަތުވެދާކަމަށް ތިބީ ތައްޔާރުވެގެނެއް ނޫނެވެ.
އެއްފަހަރު ހަމަލާ ދިނުމަށްފަހު އެސޮރުގެ ކުޅިވަރު ހުއްޓުނީއެއްވެސް ނޫނެވެ. ފުރަތަމަ ފަހަރަށް ހަމަލާދިންތާ ގަޑިއިރުތަކެއް ފަހުން އެސޮރު ވަނީ އެނބުރި އެތަނަށް އައިސްފައެވެ. އަދި ދެވަނަ ފަހަރަށް އަނބުރާ ދިއުމުގެ ކުރިންވެސް އިތުރު ސިފައިންނަށް ހަމަލާދިނެވެ. ޖެހިގެން އައިރޭވެސް އިޒްރާއިލް އަސްކަރިއްޔާގެ ޓްރެއިނިންގެ ސެޝަނެއް ތެރެއަށްވަދެ އިތުރު ތިން މީހަކަށް ހަމަލާދިން ކަމަށް އިޒްރާއިލްގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ހަމަލާގައި ޒަހަމްވި މީހުންނަށް ބީރްޝެބާ ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. މި ބުޅާ ފަހުން ވަނީ މިޞްރުގެ ނޭޗަރ ރިސާވް އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެނެސް, އެ ޖަނަވާރުގެ އުޅުން ދިރާސާކުރުމަށް ވައިލްޑްލައިފް ހޮސްޕިޓަލްއަކަށް ގެންގޮސްފައެވެ.
ރިއެކްޝަންސް






