ޕޭޖަރތައް ގޮއްވާލުމުގެ ފަހުންވެސް ލުބުނާނުގައި އެއްފަހަރާ އެތައް ގޮވުމެއް އަޑު...
ދެކުނު ލުބުނާނުގެ ވެރިރަށް ބެއިރޫތްގެ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި އެއްފަހަރާ އެތަކެއް ގޮވުމެއް ގޮވާއަޑު އިވެމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ގޮވުންތަކުގައި މިހާތަނަށް 3 މީހަކު މަރުވެފައިވާކަމަށް އަލްޖަޒީރާއިން ވެސް ވަނީ ރިޕޯޓްކޮށްފައެވެ.
މިކަން ފެށިފައިވަނީ ލުބުނާނުގެ މުޖާހިދުންގެ ގްރޫޕް, ހިޒްބުاللهގެ މުވާސަލާތީ ކަންކަމުގައި ގެންގުޅުނު ޕޭޖަރ ތަކެއް އިއްޔެގެ ވަގުތެއްގައި މުޅި ލުބުނާނުގެ އެކި ސަރަޙައްދުތަކުގައި ގޮއްވާލި ހާދިސާއަށް ފަހުއެވެ.
ތަޖުރިބާކާރުންނާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިވައިސްތައް ގޮއްވާލާފައިވަނީ އޭގެ ރޭޑިއޯ ސިގްނަލް ފްރިކުއެންސީ މެދުވެރިކޮށް ކޯޑެއް ފޮނުވައިގެން ރޭޑިއޯ ސިސްޓަމް ހެކްކޮށްގެންނެވެ.
އަންގާރަ ދުވަހު ޕޭޖާތައް ގޮއްވާލުމުގެ ސަބަބުން ހިނގި ހާދިސާގައި 12 މީހަކު މަރުވެ 2750 މީހުން ޒަޚަމްވެފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނޭ އިރު, މަރުވި މީހުންގެ ތެރޭގައިވެސް ކުޑަ އަންހެން ކުއްޖެއް ހިމެނެއެވެ.
ލުބުނާނުގެ ސަރުކާރުން ހިންގާ ޤައުމީ ނޫސް އެޖެންސީން މަޢުލޫމަތު ދީފައިވާ ގޮތުގައި ޑިވައިސްތައް ގޮއްވާލާފައި ވަނީ އިރުމަތީ އަދި ދެކުނު ލުބުނާނުގައި ހިޒްބުالله ގެ ބާރު އެންމެ ވަރުގަދަ ހިސާބުތަކުގައެވެ.
މިއީ އިޒްރާއިލްއިން ދީފައިވާ ހަމަލާއެއް ކަމެއް މުޅިން ޔަޤީން ނުވިނަމަވެސް މީގެ ދެ ދުވަސް ކުރިން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޣައްޒާގައި އިޒްރާއިލުން ފަށާފައިވާ ހަނގުރާމަ ލުބުނާނުގެ ބޯޑަރާ ހަމައަށް ފުޅާކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ. އަދި އިޒްރާއިލްގެ ދިފާއީ ވަޒީރުވެސް ވަނީ ލުބުނާނުގެ ބޯޑަރުގައި އަސްކަރީ ހަރަކާތްތައް ފަށާނެކަން އަންގާފައެވެ.
އިޒްރާއިލް އިން ވަނީ މިކަމާ ގުޅިގެން ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. ނަމަވެސް ރޮއިޓާސް އަދި ލުބުނާނުގެ ސެކިއުރިޓީ މަސްދަރަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ ޖާސޫސީ އިދާރާ މޮސާޑުން ވަނީ މީގެ މަސްތަކެއް ކުރިން ހިޒްބުالله އިން އޯޑަރު ކޮށްފައިވާ 5000 ޕޭޖަރުގައި ގޮވާތަކެތި ހަރުކޮށްފައެވެ. މަސްދަރު ތަކުން ބުނާގޮތުގައި ގޮއްވާލި 3000 ޕޭޖަރަށް އެއްވަގުތެއްގައި ވަނީ ކޯޑެއް ފޮނުވާފައެވެ.
ބްރަސަލްސްގައި ހުންނަ އަސްކަރީ އަދި ސިޔާސި އެނަލިސްޓް އެލައިޖާހް މެގްނިއާ އާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޯށްފައިވާ ގޮތުގައި ލުނުބާނުގައި ހުރި އޭނާގެ މަސްދަރުން ވަނީ ނުގޮވާހުރި ޕޭޖަރުތަކުގެ ތަޙްގީގަށް ހޯދާފައިވާ މަޢުލޫމާތު ހިއްސާކޮށްފައެވެ. އޭގައި ވާގޮތުން އިޒްރާއިލް އިން ވަނީ 3 ގްރާމަށްވުރެ ދަށް ނޫން ބާރުގަދަ ގޮވާތަކެތި ކޮންމެ ޑިވައިސްއެއްގައި ހަރުކޮށްފައެވެ. އެއީ ޕެންޓެރައިތްރިޓޯލް ޓެޓްރެނިޓްރޭޓް (ޕީއީޓީއެން) އެވެ.
ތިންވަނަ ފަރާތެއް މެދުވެރިކޮށް ގަނެފައިވާ ޑިވައިސްތައް ޕޯޓްތަކުގައި ކްލިއަރަންސްގައި ތިންމަސް ހޭދަ ވެފައިވާ ކަމަށާއި އިޒްރާއިލްއިން އޭގައި ގޮވާތަކެތި ހަރުކޮށްފައިވަނީ މި މުއްދަތުގެ ރެތޭގައި ކަމަށް އަސްކަރީ އެނަލިސްޓް އެލައިޖާހް ތުހުމަތުކޮށްފައިވެއެވެ.
ހިޒްބުالله އަށް ޕޭޖަރު ސަޕްލައި ކުރަނީ ޓައިވާނުން ހަންގޭރީއަށް, އަދި ހަންގޭރީއިން ލުބުނާނަށް އިންނަ ސަޕްލައި ޗެއިނެއް މެދުވެރިކޮށްކަމަށް ވެސް އަލްޖްޒީރާއިން ރިޕޯޓްކޮށްފައިވެއެވެ
ދެކުނު ލުބުނާނުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ އަލީ ހަޝެމްވެސް ވަނީ ދެ ގޮވުމެއް ގޮވިތަން ފެނުނުކަމަށް ބުނެފައެވެ.
"އަހަރެމެންގެ ފަހަތުގައި އޮތް ކާރެއް ގޮވިތަން ދުށިން. ހަމަ އެވަގުތު އެތާކައިރި އެހެންތަނަކުންވެސް ގޮވުމެއް ގޮވިތަން އަހަރެން ދެކުނިން. އަހހަރެން މިހުރީ މަގެއްގެ މެދުގަ. އެމްބިއުލާންސްތައް މިތާނގަ އެބަ ކޮޅުކޮޅަށް ދުއްވާ" ހަޝެމް އާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވެއެވެ.
ރިއެކްޝަންސް