
"އަހަރެން ހީކުރީ އަަހަރެންވެސް މަރުވީކަމަށް" އެއަރ އިންޑިއާ ފްލައިޓުން ސަލާމަތްވި ހަމައެކަނި މީހާގެ ދުލުން
އެހެން ފަސިންޖަރުން މަރުވާތަން ފެނުނުކަމަށްއިނގިރޭސިވިލާތުގެ ވިޝްވަޝްކުމާރު ރަމޭޝް ބުނި
އޭނާ ސަލާމަތްވީ ކިހިނެތްކަމެއް ނޭނގޭ ކަމަށާއި "މަރުނުވާކަން އިހްޞާސް ވީ" ކަމަށް އެއަރ އިންޑިއާގެ ފްލައިޓް ވެއްޓުނުހާ ހާދިސާގައި ދަތުރުކުރި 242 މީހުންގެ ތެރެއިން ސަލާމަތްވި ހަމައެކަނި މީހާ ބުނެފިއެވެ.
ބުރާސްފަތި ދުވަހު ބޯޓްވެއްޓުނު ހާދިސާއަށްފަހު މީސްމީޑިއާގައި ރަމޭޝް ބޯޓުން އުނދަގުުން ތިރިއަށް ދެމިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވެއެވެ. އޭރުވެސް އޭނާގެ ހަށިގަނޑުން ޒަހަމްތަކާއެކު ލައިގެން ހުރި ޓީޝާޓުންވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ.
ބޮއިންގ 8-787 ޑްރީމް ލައިނާގައި ރަމޭޝް އިށިއިނދެގެން އިނީ ގޮނޑި ނަމްބަރު 11 އޭ ގައެވެ. ލަންޑަންއަށް ދާން ގުޖުރާތުގެ އަހްމަދު އާބާދުން ބޯޓް ނައްޓާލިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޓިފައިވަނީ މެޑިކަލް ކޮލެއްޖެއްގެ ހޮސްޓެލްގެ މައްޗަށެވެ.
އިންޑިއާގެ ޤައުމީ ޗެނަލް ޑީޑީ ނިއުސް އިން 40 އަހަރުގެ އިނގިރޭސި ވިލާތުގެ ރައްޔިތެއްކަމަށް ވާ ރަމޭޝް ހޮސްޕިޓަލްގައި އޮވެ ގެނެސްދިން ކްލިޕެއްގައި ބުނީ "އަހަރެން ހީކުރީ އަހަރެންވެސް މަރުވަނީ" ކަމަށެވެ.
"އެކަމަކު އަހަންނަށް ލޯ ހުޅުވުނު. ދެން އަހަންނަށް އެނގުނީ އަހަރެން އަދި މަރުނުވާކަން" އަހަރެން އަވަހަށް ބެލްޓް ނައްޓާ އެންމެ ފަސޭހައިން ބޯޓުން ނިކުމެވޭނެ ގޮތެއް ފެނޭތޯ ބެލީ. އަހަރެން ކުރިމަތިން ފެނުނު ބޯޓުގެ އެއަރ ހޮސްޓެސް އަދި އެހެން މީހުންވެސް މަރުވެފަ ތިއްބާ" ރަމޭޝް ބުނެފައި ވެއެވެ.
އޭނާ ބުނީ އޭނާ އިށިއިނދެގެން އިން ފަޅި ވެއްޓުނީ ބިމަށް ކަމަށެވެ. އެހެން ކަމުން ދޮރު ހަލާކުކޮށްލާ އޭގެ ތެރެއިން އޭނާ ބޭރަށް ދެމިގަތީ ކަމުގައިވެސް ރަމޭޝް ބުންޏެވެ. އަދި ބޯޓުގެ އަނެއްބައި އޮތީ އިމާރާތުގެ މަތީގައި ތާށިވެފައި ކަމަށާއި އެހެންވެ އެތަނުން މީހަކަށް ނިކުމެވެން ނެތްކަމަށްވެސް ރަމޭޝް ވަނީ ބުނެފައެވެ.
އޭނާއާއެކު ދަތުރުކުރި އޭނާގެ ކޮއްކޮ އަޖޭ ކުމާރު އިނީ ބޯޓުގެ އެހެން ސަފެއްގައި ކަމަށާއި އޭނާ ފެނޭތޯ 15 ވަރަކަށް މިނިޓް މަސައްކަތް ކުރުމަށްފަހު މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މީހުންގެ އެހީއާއެކު ރަމޭޝް ހޮސްޕިޓަލްއަށް ދިޔައީ ކަމުގައިވެސް އޭނާ ބުންޏެވެ.
ހުކުރު ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ. މޯދީ ވަނީ ހޮސްޕިޓަލްގައި އޮތް ރަމޭޝް އަށް ވެސް އެދުވަހު ޒިޔާރަތްކޮށް ހާލުބަލާފައެވެ.
ރިއެކްޝަންސް






