އިޒްރާއިލް ސިފައިންގެ ފައުޖުތައް ހުޅަނގު އައްސޭރީގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ވަދެގެންފި
ހިޞޯރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް އިޒްރާއިލްގެ ސިފައިން ގަދަކަމުން ވަދެގެންފިއެވެ. އަސްކަރިއްޔާގެ ސިފައިން ވަނީ ބިއުރޯއަށް ވަދެ އެތަން ބަންދުކުރަން އަމުރުކޮށްފައެވެ.
މިއީ ދޯހާ ގައި ޤާއިމްކޮށްގެން ހިންގާ ބްރޮޑްކާސްޓަރު, އަލް ޖަޒީރާ އަށް ޓާގެޓްކޮށް އިޒްރާއިލްއިން ހިންގާ ސިލްސިލާ ބިރުދެއްކުންތަކުގެ އާ ބޮޅެކެވެ. މެއި މަހު އިޒްރާއިލްއިން ވަނީ އެގައުމުގައި އަލް ޖަޒީރާ މަނާކޮށް, އެނޫހުގެ ރިޕޯޓަރުންވެސް އެޤައުމުން ބޭރުކޮށްފައެވެ.
އަލްޖަޒީރާއިން ވަނީ އިޒްރާއިލްގެ ސިފައިންގެ ފައުޖުތައް އިމާރާތުގެ ތެރެއަށް ވަދެގަންނަ ވީޑިއޯ އާންމުކޮށްފައެވެ. ރާމަالله ގައި ހުންނަ އަލް ޖަޒީރާގެ ބިއުރޯއަށް ވަދެ އިޒްރާއިލް ސިފައިން ވަނީ 45 ދުވަހުގެ ތެރޭގައި އެތަން ބަންދުކުރަން އަމުރުކޮށްފައެވެ.
އޭގެ ފަހުން އާންމުކުރި އެހެން ވީޑިއޯއެއްގައި އިޒްރާއިލް ސިފައިން ރާމަالله ގައި ހުންނަ އަލް ޖަޒީރާ އޮފީހުގެ ބެލްކަނީގައި ހަރުކޮށްފައިވާ ބެނާއެއް ވީދާލާ މަންޒަރުވެސް ފެނެއެވެ. އެއީ އިޒްރާއިލްއިން މީގެ ކުރިން ބަޑި ޖަހާ މަރާލާފައިވާ އަލް ޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލެހް ގެ ޕޯސްޓަރެކެވެ. އިޒްރާއިލްގެ ފައުޖުތަކުން ފަލަޞްޠީނު ދަރިކޮޅުގެ އެމެރިކާގެ ނޫސްވެރިޔާ މަރާލާފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު ހުޅަނގު އައްސޭރީގައެވެ.
"މިއީ 45 ދުވަސްތެރޭގައި އަލް ޖަޒީރާގެ އޮފީސް ބަންދުކުރަން ކޯޓުން އަންގާފަ އޮތް އަމުރެއް. ކެމެރާތައް ހިފައިގެން މިތަން ދޫކޮށް ހަމަ މިހާރުދޭ" އަލް ޖަޒީރާގެ ރާމަالله ބިއުރޯގެ ވެރިޔާ ވާލިދް އަލް-އޮމާރީ އަށް އިޒްރާއިލް ސިފައިންގެ އެންގުން އެންގި ލައިވް ފޫޓޭޖްގައި ބުނެފައިވެއެވެ.
އަލް އަމާރީ އާ ހަވާލާދީ އަލްޖަޒީރާ އިންގްލިޝް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލް ސިފައިން ވަދެގަނެ އެ އޮފީހުގެ ކެމެރާތަކާއި ލިޔެކިޔުންތައް އެމީހުންގެ ބެލުމުގެ ދަށަށް ގެންދަން ފެށިއެވެ. އޭރުވެސް ކަރުނަ ގޭހުގެ އަސަރާއި ބަޑީގެ ހަމަލާތަކުގެ އަޑު އިމާރާތުގެ ބޭރުންވެސް އިވެއެވެ.
ފަހުން އަލް އަމާރީ އެސޯސިއޭޓް ޕްރެސްއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އިޒްރާއިލް ސިފައިން ވަނީ ފަލަޞްޠީން އިނގިރޭސިންގެ މެންޑޭޓްގެ ދަށުގައި އޮތްއިރު ބޭނުންކުރި ޤާނޫނުތަކުގެ މާއްދާތައް އޮފީސް ބަންދުކުރަން ކުރި އަމުގައި ބޭނުންކޮށްފައެވެ.
މެއި މަހުވެސް އިޒްރާއިލްގެ ފުލުހުން ވަނީ އިރުމަތީ ގުދުޞްގައި ހުންނަ އަލްޖަޒީރާގެ އޮފީހަށްވަދެ އެތަން ބަލާފާސްކޮށްފައެވެ. އަދި އެތަނުގެ ބައެއް އިކްއިޕްމަންޓްސްތަކާއި ބްރޮޑްކާސްޓްކުރުމަށް ބޭނުންކުރާ އެތައް ސާމާނެއް ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އިޒްރާއިލްއިން ވަނީ އިރުމަތީ ގުދުޞްގެ ބިއުރޯގެ ވެބްސައިޓްވެސް ބްލޮކްކޮށްފައެވެ.
އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށިފަހުން މިހާތަނަށް އިޒްރާއިލްއިން ވަނީ 173 ނޫސްވެރިން މަރާލާފައެވެ. އޭގެ ރެތޭގައި އަލް ޖަޒީރާގެ ބައެއް ނޫސްވެރިންވެސް ހިމެނެއެވެ.
ރިއެކްޝަންސް