ލެވަންޑޮސްކީ އާއި ރަފީނިއާގެ ގޯލްތަކުން ބާސާއަށް ބޮޑު މޮޅެއް
ލެވަންޑޮސްކީ އާއި ރަފީނިއާގެ ގޯލްތަކުން, ވިޔަރެއާލް އަތުން ބާސެލޯނާ ބޮޑު މޮޅެއް ހޯދައިފި އެވެ. ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހު ވިޔަރެއާލް އަތުން ބާސެލާނާ މޮޅުވީ 5-1 ނެވެ.
މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނު ބާސެލޯނާގެ ފުރަތަމަ ދެ ގޯލް ކާމިޔާބު ކުރީ ރޮބާޓް ލެވަންޑޮސްކީއެވެ. ބާސާގެ ފުރަތަމަ ގޯލް 20 ވަނަ މިނިޓްގައި ލެވަންޑޮސްކީ ކާމިޔާބުކޮށްދިނީ ޕަބްލޯ ޓޯރޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ދެވަނަ ގޯލް ކާމިޔާބުކުރީ 35 ވަނަ މިނިޓްގައެވެ.
މެޗުގެ 58 ވަނަ މިނިޓްގައި ގޯލް އޭރިޔާގެ ބޭރުން ޕެޑްރީ ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބާސެލޯނާގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ޕަބްލޯ ޓޯރޭ އެވެ.
އޭގެ 10 މިނިޓް ފަހުން ބާސެލޯނާ އަށް ޕެނަލްޓޯއެއް ލިބި ނާކާމިޔާބުވިއެވެ. ލަމީން ޔަމާލްއަށް ވިޔަރެއާލްގެ އެރިކް ބެއިލީ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖެހީ ރޮބަޓް ލެވަންޑޮސްކީއެވެ. މެޗުގައި ހެޓްރިކަ ހަދަން ލެވަންޑޮސްކީ އަށް ލިބުނު ފުރުޞަތު ގެއްލުނީ އޭނާ ޖެހި ޕެނަލްޓީ ގޯލްގެ ދަނޑިއަށް އަމާޒު ވުމުންނެވެ.
މެޗުގައި ބާސެލޯނާގެ ފަހު މެޗު ދެ ގޯލް 74 ވަނަ މިނިޓާއި 83 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދިނުމުގައި ރަފީނިއާ އަށް އެހީތެރިވީ ވިކްޓަރ އަދި ޔަމާލްއެވެ.
ވިޔަރެއާލްއިން މެޗުގައި އިތުރު ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރުން ނިންމީ އެގޯލް ބަލައި ނުގަތުމަށެވެ.
މި ނަތީޖާ އާއެކު 18 ޕޮއިންޓް ހޯދައިގެން ބާސެލޯނާއިން ވަނީ ތާވަލްގެ އެންމެ ކުރީގައި ރަނގަޅަށް ހަމަޖެހިލާފައެވެ. ވާދަވެރި ރެއާލް މެޑެރިޑް ދެވަނާގައި އޮތީ 14 ޕޮއިންޓާއެކުއެވެ. އެއް މެޗު އިތުރަށް ކުޅެގެން 13 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އެތްލެޓިކޯ ބިލްބާއޯ އެވެ.
ރިއެކްޝަންސް