
ވަގުތަށް އެހީ ނުފޯރައިފިނަމަ ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 14,000 ކުދިން ދުނިޔެދޫކޮށްފާނެ: އދ
އިންސާނީ އެހީ ވަގުތަށް ނުފޯރައިފިނަމަ ޣައްޒާއިން 14,000 ކުދިން ކުރިއަށްއޮތް 48 ގަޑިއިރުގެ ތެރޭގައި ދުނިޔެ ދޫކޮށްފާނެކަމަށް އދ ގެ އިންސާނީ އެހީއާގުޅޭ ވެރިޔާ ޓޮމް ފްލެޝަރ ވިދާޅުވެއްޖެއެވެ.
ބީބީސީ ރޭޑިއޯ 4 ގައި ވާހަކަ ދައްކަވަމުން ފްލެޝަރ މިއަދު ވިދާޅުވީ 11 ހަފްތާވަންދެން ކާބޯތަކެތީގެ ޒައްރެއްގެ މިންވަރުވެސް ނުލިބި އޮތް ޣަައްޒާއަށް އިއްޔެ އިންސާނީ އެހީގެ 5 ޓްރަކް ވަދެފައި ވީނަމަވެސް އެތަކެތި ޣައްޒާގެ ރައްޔިތުންނާ ހަމައަށް އަދިވެސް ނުފޯރާ ކަމުގައެވެ.
އިއްޔެ ވައިން އެހީގެ ޓްރަކްތަކުގައި ކާނާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ހުރީ ތުއްތު ކުދިންގެ ކާނާއެވެ. ނަމަވެސް އާންމުންނާ ހަމައަށް އެތަކެތި ނުފޯރާ ގިނަ ވަގުތުތަކެއް ވަނީ ފާއިތުވެފައެވެ. ފްލެޝަރ ވިދާޅުވީ އާންމުން ތިބީ ބޯޑަރުގެ އަނެއް ކޮޅުގައި ކަމަށާއި ވަގުތަށް އެތަކެތި އެމީހުންނާ ހަމައަށް ނުފޯރައިފިނަމަ 14,000 ހެއްހާ ކުޑަކުދިން ފުރާނަ ނުރައްކަލަށް ހުށަހެޅޭނެ ކަމުގައެވެ.
ބަނޑުހައިހޫނުކަމުގައި ޣައްޒާގެ ހާލަތު އިންތިހާއަށް ގޯސްވެފައިވަނިކޮށް އިޒްރާއިލްއިން 'މަދުމިންވަރެއްގެ' އެހީ ޣައްޒާއަށް ވެއްދުމަށް ނިންމީ ބައިނަލްއަޤުވާީ ގައުމުތަކުގެ ފިއްތުންތައް އިންތިހާއަށް ކުރިމަތިވެ އެހެން ގޮތެއް ނެތިގެންނެވެ.
"އަހަރެން ބޭނުން އެ 14,000 ކުދިންގެ ފުރާނަ ސަލާމަތްކުރަން. އަހަރެމެންގެ މުވައްޒަފުންގެ ގިނަ ބަޔަކު ވަނީ މަރާލާފަ. އެކަމަކު އަދިވެސް ޣައްޒާގައި އަހަރެމެންގެ ވަރުގަދަ ޓީމްތައް އެބަތިބި ސްކޫލްތަކުގަ އާއި ސިއްހީ ހިދުމަތްދޭ ތަންތަނުގަ. އެމީހުން ބޭނުންކޮށްގެން އެ އެހީ ބޭނުންޖެހިފައިވާ މީހުންނަށް އެކަށީގެންވާ ވަގުތުގައި އަހަރެމެންނަށް ފޮރުކޯށްދެވޭނެ. އެކަމަކު އަހަރެމެންގެ އަތަަށް އެއެއް ނާރާ" ފްލެޝަރ ވިދާޅުވިއެވެ.
އިންސާނީ އެހީ ބެހުމުގައި އދ ގެ އެހީތެރިކަން ބޭނުންނުވާކަމށާއި އެކަން ކުރާނީ އެމެރިކާ އާއި އިޒްރާއިލްގެ ބެލުމުގެ ދަށުން ޣައްޒާގައި ހަރަކާތްތެރިވާ ޖަމާއަތަކުން ކަމަށް މީގެ ކުރިން އިޒްރާއިލްއިން ވަނީ ބުނެފައެވެ.
ރިއެކްޝަންސް






