ބަނގްލަދޭޝްގެ ބޮޑު ވަޒީރު ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލަވައިފި
މުޒާހަރާ ކުރާ މީހުން ރަސްމީ ގަނޑުވަރުގައި
ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ގައުމު ދޫކުރައްވާ ފިއްލަވައިފި އެވެ.
ބޭރުގެ މީޑިޔާތަކުގައި ރިޕޯރޓް ކޮށްފައިވާ ގޮތުން ހަސީނާ ގައުމު ދޫކޮށް ވަޑައިގެންނެވީ މިއަދު އެވެ. ބަނގްލަދޭޝްގައި މެދުނުކެނޑި ކުރަމުންދާ މުޒާހަރާ ތަކުގައި, މުޒާހަރާގެ ބައިވެރިން މިހާރުވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ އެތަންވެސް ހިސާރުކޮށްފައި ކަމަށް ރިޕޯރޓްތައް ބުނެއެވެ. މިއީ މިދިޔަ 50 އަހަރުގެ ތެރޭގައިވެސް އެގައުމުގައި ކުރިއަށްދާ އެންމެ ވަރުގަދަ މުޒާހަރާއެވެ. މުޒާހަރާގެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 100 އެއްހާ މީހުން ވަނީ މަރުވެސް ވެފައެވެ. ސަރުކާރާ އިދިކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ ޑިމާންޑަކަށްވީ ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވުމެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ނުވެ އެގައުމުގައި އޮތީ ކާފިއު އިއުލާނު ކޮށްފައެެވެ. ނަމަވެސް މުޒާހަރާ ކުރާ ފަރާތްތައް މައިތިރިއެއް ނުކުރެވުނެވެ.
މުޒާހަރާއާއި ހަމަނުޖެހުންތަކާ އެކު ބަނގްލަދޭޝްގެ މުއާސަލާތީ ޚިދުމަތްތައްވެސް ކެނޑުނެވެ, ނަމަވެސް މިއަދު އަލުން މުއާސަލާތީ ޚިދުމަތްތައް ލިބިފައިވާ ކަމަށް ރިޕޯރޓްތައް ބުނެއެވެ. އިންޓަރނެޓްގެ ޚިދުމަތް މިއަދު އަލުން ވަނީ ލިބިފައެވެ.
ރިއެކްޝަންސް