އޮގަސްޓު މަހު ހެލިކޮޕްޓަރުގެ ޚިދުމަތަށް ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

އޮގަސްޓު މަހު ހެލިކޮޕްޓަރުގެ ޚިދުމަތަށް ބަޔަކާއެކު އެއްބަސްވުމުގައި ސޮއިކުރަނީ

2 hours ago - 08:54
Jul 22, 2026 - 09:36
Advertisement
Advertisement

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށްޓަކައި އަންނަ އޮގަސްޓު މަހުގެ ތެރޭގައި ބަޔަކާއެކު އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ވަޒިރު އަމީން ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންތަކުގައި ރޭގަނޑު ދަތުރުނުކުރެވޭ ފަދަ ހުރަސްތަކެއް ހުރުމުން، ރެޔާއި ދުވާލު އަދި ތަފާތު މޫސުންތަކުގައި ފަތުރުވެރިން އުފުލޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމަށް ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެއަރ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ޚިދުމަތަކީ ހަމައެކަނި ފަތުރުވެރިން އުފުލުމަށް އަމާޒުކޮށްފައިވާ ކަމެއް ނޫނެވެ. މި ޚިދުމަތުގެ ތެރެއިން ސާރޗް އެންޑް ރެސްކިއުއާއި މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތްވެސް ދޭނެއެވެ. މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ޚިދުމަތް ފަށާ ފުރަތަމަ 3 އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ނަމަވެސް ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު އަދާކުރާނެއެވެ.


މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ. މި ޚިދުމަތް ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ފުރިހަމައަށް ބަލާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement