އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މުހިއްމު: ރައީސް

އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މުހިއްމު: ރައީސް

1 hour ago - 16:49
Advertisement
Advertisement

އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ، ޤައުމުގެ އިސްތިޤުލާލާ ސީދާ ގުޅިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދަނޑުވެރިންނަށް ލިބޭ ނަފާ އިތުރުވާނޭ މަގު ކޮށައިދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިއުމަކީ މި ސަރުކާރުގެ މުހިންމު ޢަޒުމެއް ކަމަށެވެ. އަދި ކަނޑައެޅޭ ވަކި ބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ބަދަލުގައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ ޚާއްޞަ އަމާޒެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި، ބައިނަލްއަޤްވާމީ ދަތުރުފަތުރަށް ދިމާވާ އެކި ހުރަސްތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ރައީސް ބަޔާންކުރެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދަނޑުވެރިކަމުގެ ޞިނާޢަތު ފުޅާވެގެން ދިއުމަކީ ޤައުމުގައި ބޭރު ފައިސާ ހިފެހެއްޓުމަށާއި، ރަށްރަށުގައި ވަޒީފާގެ އައު ފުރުޞަތުތައް އުފެދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ އެކްސް އެކައުންޓުގައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު މި ޒަމާނުގެ ދަނޑުވެރިކަމަކީ ކުދި ޖާގަތަކުގައި ވެސް ބޮޑު މަންފާއެއް ލިބޭނެހެން ކުރިއެރުވިދާނެ މަސައްކަތެއް ކަމަށެވެ. އެގޮތުން ގޭގޭގެ ގޯތިތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަކީ ފެހިކަން އިތުރުވެ، ވައި ސާފުވުމުގެ އިތުރުން ރަނގަޅު ކާނާ ހޯދުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ގަސްގަހާގެހި ހެއްދުމުގައި ޞިއްޙީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓެވުމަށް ބާރުއަޅުއްވަމުން، ކޮންމެ ދިވެއްސަކީވެސް ގަސްއިންދައި ހެއްދުމަށް ޝައުގުވެރިވާ ރައްޔިތަކަށް ވުމަށް މެޑަމް ސާޖިދާ ވަނީ އިލްތިމާސްކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement