
ބިލެއްދޫ ބަނދަރުގެ ޖާގަ އިތުރުކުރުމާއެކު ބިންވެސް ހިއްކައިދޭނަން- ރައީސް
ފ.ބިލެއްދޫ ބަނދަރުގެ ޖާގަ އިތުރުކުރުމާއެކު ބިންވެސް ހިއްކައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ފ.އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެން, އެރަށު ބަނދަރު ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އެޔަގީންކަން ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށަށް ބިން އިތުރުކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކުރުމަކީ ހަޤީޤަތުގައިވެސް ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ދެ ކަންތައް ކަމަށެވެ. ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށް ފ. ބިލެތްދޫގެ ބަނދަރާއި ބިމުގެ ޖާގަ، ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިލެއްދޫ ބަނދަރު ޖާގަ އިތުރުކުރުމާއި، ބިން ހިއްކުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. ރައީސް ވިދާޅުވީ އެކުންފުނިން މަސައްކަތްކޮށް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. ރައީސް ވިދާޅުވީ 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫޢަކަށް، ބިން ހިއްކުމުގެ މަޝްރޫޢު ވެގެންދާނެކަމަށެވެ.
މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، ފ. ބިލެތްދޫގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އޭގެތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، ހެލްތު ސެންޓަރަށް އިތުރު ކުރެވޭ އިމާރާތުގެ ބިންގާ އެޅުން ހިމެނެއެވެ.
ރިއެކްޝަންސް






