
ބޮޑުހިލަ ޝިޕްމަންޓް ލިބުމުން ފީއަލި ބިން ހިއްކުމުގެ މަޝްރޫއު އަލުން ފެށޭނެ- ރައީސް
އެހެން ރަށްރަށުގެ ބިން ހިއްކުންވެސް ފެށޭނީ ބޮޑު ހިލަ ލިބުމުން
ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމުން ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫޢު، އަލުން ފެށޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފ.ފީއަލީ ރައްޔިތުންނާއި, ރަށުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފީއަލި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެސްވީ ކުރިން ފަށާފައިހުރި މަޝްރޫއުތައް ހުއްޓިފައި ހުރުމެވެ. އެމަޝްރޫޢުތައް އަލުން ފަށައިދިނުމަށް ރައީސްގެ ކިބައިން ފީއަލި ރައްޔިތުން އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ފީއަލިން ހިއްކާނެ ކަމަށެވެ. ފީއަލީގެ އިތުރުންވެސް، ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި ރަށްރަށުގެ މަސައްކަތް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ފީއައްޔަށް ބޭނުންވާ ޝިޕްމަންޓްވެސް ވަރަށް އަވަހަށް ގެނެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން، ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢާއި، މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީގޮތުން މިއަދު ވަނީ ފައްޓަވައިދެއްވާފައެވެ.
ރިއެކްޝަންސް






