
ނިލަންދޫ އެއަޕޯރޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފި
ދެ އަހަރަރު ބައިގެ ތެރޭގައި ނިންމަންޖެހޭ
ފ.ނިލަންދޫ އެއަޕޯރޓްގެ މަސައްކަތް މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ. އެއަޕޯރޓްސް ކޮމްޕެނީއާ މަސައްކަރް ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ފ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރީ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. ނިލަންދޫގައި އެއަޕޯޓެއް އެޅުމަކީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ.
ނިލަންދޫ އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކާނެކަމަށް ރައީސް ވިދާޅުވިއެވެ. ނިލަންދޫ އެއަޕޯރޓްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ވަޒީރު މޫސާ ޒަމީރުއެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފްއެވެ.
ނިލަންދޫއަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރަން ސަރުކާރުން ކަނޑައެޅުއްވާފައިވާ ރަށެކެވެ. އެކަން ފާހަގަކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ނަރުދަމާގެ މައްސަލަ ޙައްލުކުރުމަށް މިއަދު މަސައްކަތް ފައްޓަވާނޭކަމަށާއި، ގިނަވެގެން 24 މަސް ދުވަސް ތެރޭ އެ މަސައްކަތް ނިމޭނޭކަމަށެވެ. މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބައްލަވާއިރު، މި އަހަރު ތެރޭ ފެނުގެ ވިއުގަ ޤާއިމުކުރެއްވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






