
މިއަހަރުގެ ނޮވެމްބަރު މަހު ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކޮށް ނިމޭނެ- ރައީސް
މިއަހަރުގެ ނޮވެމްބަރު މަހު ކައުންސިލްތަކާ ދެވަނަ ފަހަރަށް ބައްދަލުކޮށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ.ނިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތާވަލްކޮށްފައިވާ ގޮތަށް ދާނަމަ ނޮވެމްބަރު މަހުގެ ތެރޭގައި ހުރިހާ ކައުންސިލަކާ ދެވަނަ ފަހަރަށް ބައްދަލުކޮށް ނިމޭނެ ކަމަށެވެ. މިހާތަނަށް 86 ކައުންސިލަކާ ދެވަނަ ފަހަރަށް ބައްދަލުކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ ސަރުކާރުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ ލާމަރުކަޒުކޮށް، ރައްޔިތުން ގާތަށް ވަޑައިގެން، ރައްޔިތުން އެދޭގޮތް އޮޅުންފިލުއްވައިގެންކަން ފާހަގަކުރައްވަމުންނެވެ.
ނިލަންދޫގެ މަޝްރޫއުތަކުގެ އަދާހަމަ ހިއްސާކުރައްވަމުން ވިދާޅުވީ އެރަށުގެ 200 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫޢާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢު ކުރިއަށްދާ ކަމަށެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް ތާވަލްކުރެވިފައި ވަނީ އަންނަ އަހަރަށް ކަމަށް ވިދާޅުވިއެވެ.
ނިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދަޅުބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި ވަނީ ސޮއިކުރައްވާފައެވެ. އަދި ފ އަތޮޅުގައި ފިއުލް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، ނިލަންދޫ އެއަރޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކުރައްވާފައެވެ. މިހުރިހާ އެއްބަސްވުންތަކެއްގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިއްޔާތުގައެވެ.
މަގު ހަދަން ހަވާލުކުރެއްވީ އެމްޓީސީސީއާއެވެ. ފިޔުލް ސްޓޯރޭޖްގެ މަސައްކަތް ހަވާލުކުރެއްވީ އެސްޓީއޯއާއެވެ.
ރިއެކްޝަންސް






