އައްޑޫ ލިންކް ރޯޑް 4 ލޭނަށް ތަރައްގީކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުންޏެއް ކަމަށްވާ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ މިއަދު ސަރުކާރުން ހަވާޅުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގައި މިއަދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި މަސައްކަތުގެ ދަށުން މިހާރު ބޭނުންކުރަމުންދާ ލިންކް ރޯޑު ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑީޓުއާ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށެވެ. މި ސަރަހައްދުގެ ޖުމްލަ ދިގުމިނަކީ 12.3 ކިލޯމީޓަރެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ މައި މަގު ވަރަށް ބޮޑަށް ހަލާކުވެ، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި މި މަޝްރޫއު ހަވާލުކުރި ނަމަވެސް، މިއީ ކިހާ އަދަދެއްގެ ބަޖެޓެއް ހޭދަވާ މަޝްރޫއެއް ކަމެއް އަދި މަސައްކަތް އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތެއް މިނިސްޓްރީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އައްޑޫ ލިންކް ރޯޑު 4 ލޭނަށް ތަރައްގީ ކުރެވިގެން ދިއުމަކީ އެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބި، އެކްސިޑެންޓްތައް މަދުކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.
ރިއެކްޝަންސް





