އޮންލައިންކޮށް ވިޔަފާރިކުރުމަށް ދިމާވި ދަތިތަކަށް ހައްލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު ސައީދު
އީކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ގެންނަމުންދާ ކަމަށާއި އެ ދަތިތައް ދެން ދިމާ ނުވާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޑޮލަރުގެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އައި ހީނަރުކަން އެ ކުންފުނިން ވަރަށް ރަނގަޅަށް މެނޭޖްކޮށްފައިވާ ކަމަށެވެ. އަދި ޑޮލަރުގެ ދަތިކަމާ ގުޅިގެން އޮންލައިން ވެބްސައިޓްތަކުން މުދާ ގަތުމުގައި އާންމުންނަށް ކުރިމަތިވި ހުރަސްތަކަށް މިހާރު ހައްލު ހޯދައިދެވިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް ބޭރު ފައިސާގެ ދަތިކަން ކުރިމަތިވާން މެދުވެރިވި ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، މި ދަތިކަން ކުރިމަތިވީ ކުރީގެ ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން ދައްކަން ޖެހުމުން ކަމަށެވެ.
މީގެއިތުރުން، އެ ދަރަނީގެ ތެރޭގައި ގިނައީ ސީދާ އިގުތިސޯދާ ގުޅުމެއް ނެތް ލޯނުތައް ކަމަށްވުމުން، އެ ލޯނުތަކުގެ ސަބަބުން ގައުމުގެ އިގްތިސޯދަށް އެދެވޭ ފައިދާއެއް ކޮށްފައި ނުވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދައުލަތަށް އާމްދަނީ ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.
ރިއެކްޝަންސް





