ހުޅުމާލޭގެ އިމާރާތްކުރުމުގެ މަސައްކަތް ސަލާމަތީ މިންގަނޑުތަކަށް އެއްގޮތް ކުރުމަށް އެޗްޑީސީން އަންގައިފި
ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން، އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރާއިރު ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ޤަވާއިދާ އެއްގޮތަށް ކަންކަން އިސްލާހު ކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ. މިކަމަށް ޢަމަލުކުރުމަށް ދީފައިވާ މުއްދަތު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހަމަވާނެއެވެ.
އެޗްޑީސީން މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިމާރާތްކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތައް ކަނޑައަޅައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޤަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާ ކަމަށެވެ. މި ޤަވާއިދު ގެޒެޓްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
އެޗްޑީސީން ވަނީ މިހާރު އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކާއި، އަލަށް މަސައްކަތް ފަށާ ފަރާތްތަކުން ޤަވާއިދުގެ އިމުގެ ތެރެއިން އިންތިޒާމުތައް ހަމަޖެއްސުމަށް އަންގާފައެވެ. މިގޮތުން، ޤަވާއިދުގައި ހިމެނޭ ކަންކަން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިސްލާހުކޮށް ނިންމުމަށް އެކުންފުނިން ވަނީ އިރުޝާދު ދީފައެވެ.
އެޗްޑީސީން ބުނީ، އެ ޤަވާއިދުގަ ހިމެނޭ ކަންކަމަށް ޢަމަލުކުރުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު ހުޅުމާލޭގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނީ ޤަވާއިދުގައިވާ ސަލާމަތީ މިންގަނޑުތަކާއި އެއްގޮތަށް ކަމުގައެވެ. މިފަދަ ކަންކަމުގައި ލިބޭ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާލެ ސަރަހައްދުގައި ހިނގަމުންދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ގިނަ މަސައްކަތްތައް ކުރިއަށްދަނީ ހުޅުމާލޭގައެވެ. އެގޮތުން ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައިވެސް ގިނަ އިމާރާތްތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، މިމަސައްކަތްތައް ކުރުމުގެ ހުއްދަތައް ދޫކުރަނީ އެޗްޑީސީންނެވެ.
ރިއެކްޝަންސް





