އެމްޓީސީސީ ޓެކްސީ އެޕްލިކޭޝަން އަންނަ ހަފުތާގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންގެންދާ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން، އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އެމްޓީސީސީގެ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު އެޕަލް އެޕް ސްޓޯރއިން އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިވަގުތު މި ޚިދުމަތް ދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ އިންތިޒާމު ހަމަޖެހުމުން، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، މައްސަލަތައް މަދުވެ "ޓްރަބަލް ފްރީ" ޚިދުމަތެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުން މަސައްކަތް ކުރަނީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ. އަދި ކޮންމެ ދަތުރެއްގެ ދިގުމިން އެވްރެޖްކޮށް 12.2 މިނެޓުގައި އުޅޭއިރު، އެޕްރީލް 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވެއެވެ. މީގެ އިތުރުން، ވެބް އެޕްލިކޭޝަން މެދުވެރިކޮށް އެޕްރީލް 18 އިން މެއި 1 އާ ހަމައަށް 7,251 ދަތުރު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކުރީ މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. މިހާރުވެސް ވެބްސައިޓުގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރުމުގެ ފުރުޞަތު އޮވެއެވެ. މި ހުރިހާ ދަތުރެއްވެސް ކުރަމުންދަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައެވެ.
ރިއެކްޝަންސް





