ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް: އޭޕްރީލްގެ ނިޔަލަށް 923 މިލިއަން ރުފިޔާ ލިބިއްޖެ

ބަންކަރިންގެ ޚިދުމަތުން ރާއްޖެއަށް ބޮޑު އާމްދަނީއެއް: އޭޕްރީލްގެ ނިޔަލަށް 923 މިލިއަން ރުފިޔާ ލިބިއްޖެ

2 hours ago - 13:02
Advertisement
Advertisement

ރާއްޖޭގެ އިގްތިސޯދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ފެށި ބަންކަރިންގެ ޚިދުމަތުން މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 923.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރައްވައިފިއެވެ.


މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް މިންވަރު ކުޑަކޮށް، އާމްދަނީ ލިބޭނެ އާ މަގުތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެށި މި މަޝްރޫއަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ. 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރަސްމީކޮށް ފެށި މި ޚިދުމަތަކީ، އޮފްޝޯކޮށް ބޯޓުފަހަރަށް ތެޔޮ އެޅުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.


މި މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ ފެންވަރުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގެ ތަޖުރިބާ ހުރި ވިޓޯލް ކުންފުންޏާ ގުޅިގެން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތް ފެށިފަހުން އެ ބޭނުންކުރާ ފަރާތްތަކުގެ އަދަދު އިތުރުވެ، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.


އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، ބަންކަރިން ޚިދުމަތުގެ ސަބަބުން ކުންފުނީގެ ތެލުގެ ވިޔަފާރިއަށް ވަނީ 27 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ 5.49 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ބަންކަރިން ޚިދުމަތް މެދުވެރިކޮށް ވިއްކި ތެލުގެ މިންވަރު ވަނީ 18 މިލިއަން ލީޓަރަށް އިތުރުވެފައެވެ.


މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މި ޚިދުމަތަށް ބޭނުންކުރާ ތެލުގެ 90 އިންސައްތައަކީ ރާއްޖެއަށް މުޅިން އަލަށް އެތެރެކުރާ ތެޔޮ ކަމަށެވެ. "ޚާއްސަކޮށް ލޯ ސަލްފާ އޮއިލްގެ ވިޔަފާރި ފުޅާވެ، ބަންކަރިން ޚިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ މި ބާވަތުގެ ތެލުން،" މިނިސްޓަރު ވިދާޅުވިއެވެ.


ބަނދަރެއް ނެތި، އޮފްޝޯކޮށް ފެށި މި މަސައްކަތުން ކުރު މުއްދަތެއްގެ ތެރޭގައި އެއް ބިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އާމްދަނީ ލިބުމަކީ، ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކާމިޔާބުވަމުންދާ ކަމުގެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement