މިއަހަރުގެ އޯލެވެލް އިމްތިޙާނު 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި
މިއަހަރުގެ ސާނަވީ ތަޢުލީމު ނިންމާ އިމްތިޙާނު (އޯލެވެލް) 8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ރަސްމީކޮށް މިއަދު ފަށައިފިއެވެ. ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ މި އިމްތިޙާނު ފަށާފައިވަނީ އެޗްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއިންނެވެ. މިއަދުން ފެށިގެން ކުރިއަށްދާ މި އިމްތިޙާނުތައް ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ ކޭމްބްރިޖް އޯލެވެލް އަދި އައިޖީސީއެސްއީ އިމްތިޙާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެއެވެ. އަދި ޤައުމީ މަންހަޖުގެ ދަށުން ހަދާ އެޗްއެސްސީ އިމްތިޙާނުގައި 7،776 ދަރިވަރުން ބައިވެރިވާނެއެވެ.
މުޅި ރާއްޖެ ހިމެނޭހެން ގިނަ ސެންޓަރުތަކެއްގައި މި އިމްތިޙާނު ކުރިއަށްދާއިރު، މާލެ ސަރަޙައްދުގެ 25 ސެންޓަރެއްގައި 3،222 ދަރިވަރުން އަދި އަތޮޅުތަކުގެ 242 ސެންޓަރުގައި 2،869 ދަރިވަރުން އިމްތިޙާނު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އޯލެވެލް އިމްތިޙާނާ ގުޅޭގޮތުން ސަރުކާރުން ވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހު މުހިންމު ސިޔާސަތެއް ކަނޑައަޅުއްވާފައެވެ. އެގޮތުން އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާގެ އިމްތިޙާނުގައި ފުރިހަމައަށް ބައިވެރިވުމާއެކު، އެ މާއްދާތަކުގެ ފީ ސަރުކާރުން ދައްކައިދޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ސަރުކާރުން ޚަރަދުކުރާ މަޖުބޫރު ހަތަރު މާއްދާއަކީ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން އަހަރުގެ މެދުތެރެއިން ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ގެނެސްފައިވާ ބަދަލު މި ސަރުކާރުން ވަނީ އިސްލާޙުކޮށްފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމަވާފައިވަނީ، އާންމުންނާއި ބެލެނިވެރިންގެ އެދުމާ އެއްގޮތަށް، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހު ކިޔެވުން ފަށައި، އެއަހަރެއްގެ ޑިސެމްބަރު މަހު އަހަރީ ބޮޑު ޗުއްޓީ ދިމާވާގޮތަށް ދިރާސީ ކަލަންޑަރު އަލުން ބަދަލުކުރުމަށެވެ. މި ބަދަލަށް މިއަހަރުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ.
ރިއެކްޝަންސް





