
އިހުތިޖާޖު ރޫޅާލީ ޢާއްމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރާތީ، ނަސޭހަތް ދިނުމަށްފަހު- ފުލުހުން
މާލޭގައި ޒުވާނުންގެ ބަޔަކު ކުރިއަށް ގެންދާ ސިލްސިލާ އިހުތިޖާޖުގެ ތެރެއިން މިރޭގެ އިހުތިޖާޖު ރޫޅާލީ ޢާއްމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރާތީ، ނަސޭހަތް ދިނުމަށްފަހު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިރޭ ޢާއްމުކުރި ބަޔާނެއްގައި ބުނީ އިހުތިޖާޖު ރޫޅާލީ މިޔުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ ޢާއްމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރާތީ ކަމަށެވެ. އިހުތިޖާޖު ރޫޅާލީ އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވާތީ އެކިރޭ މަތިން ތަކުރާރުކޮށް ނަސޭހަތްދީ ޤާނޫނީ އިންޒާރުވެސް ދިން ކަމަށް ފުލުހުން ބުންޏެވެ. އިހުތިޖާޖު ރޫޅާލީ ދަރިވަރުންގެ ތައުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށްވެސް ރިއާޔަތް ކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން މަޖީދީ މަގުގައި އުޅަނދުތަކަށް މަގު ބަންދުވާގޮތަށް އިހުތިޖާޖު ކުރާތީ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށްވެސް އަސަރުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






