އައްޑޫ ސިޓީ ވިޔަފާރިވެރިންގެ ހަބަކަށް ހެދުމަށް ބާއްވާ ޚާއްޞަ ފޯރަމް މިމަހު 13 ގައި ފަށަނީ

އައްޑޫ ސިޓީ ވިޔަފާރިވެރިންގެ ހަބަކަށް ހެދުމަށް ބާއްވާ ޚާއްޞަ ފޯރަމް މިމަހު 13 ގައި ފަށަނީ

3 hours ago - 12:54
Advertisement
Advertisement

އައްޑޫ ސިޓީއަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ވިޔަފާރިވެރިންގެ ހަބަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން، އެ ސިޓީގެ ވިޔަފާރިވެރިންނަށް ޚާއްޞަ ފޯރަމެއް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. ވަޒީރު ވިދާޅުވީ، 2027 އިން 2029 އަށް އައްޑޫ އަތޮޅުގައި ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދީގެން ވިޔަފާރިތައް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި އައްޑޫ ސިޓީގެ ވިޔަފާރިވެރިންނާ ބައްދަލުކުރުމަށް ބާއްވާ މި ފޯރަމް އޮންނާނީ މި މަހުގެ 13 އަދި 14 ވަނަ ދުވަހު އައްޑޫގައެވެ.


މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިވެރިންނަށް ހުރި ފުރުޞަތުތަކާއި، ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އިންސެންޓިވްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި ފޯރަމަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ދާއިރާގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.
"މި ބައްދަލުވުމުގައި ކަމާގުޅުންހުރި ގިނަ ވުޒާރާތަކަކުން ބައިވެރިވާނެ. އޭގެ ތެރޭގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ، ފަތުރުވެރިކަމާ ބެހޭ ވުޒާރާ އަދި މާލީ ވުޒާރާގެ އިތުރުން ކަމާގުޅުންހުރި އެހެން މުއައްސަސާތައް ހިމެނޭ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.


މީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުގައި 'ފްރީ ޒޯން' ގެ ހަރަކާތްތަކެއް ފެށުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިހާރު މަސައްކަތް ކުރަމުންދާ މަޝްރޫޢެކެވެ.


ކުދި އަދި މެދު ފަންތީގެ އިންވެސްޓްމެންޓުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އައްޑޫ ސިޓީއަކީ މިފަދަ އެއް ސަރަހައްދުގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ އަމާޒަކީ އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ވިޔަފާރިތައް ފުޅާކޮށް، މުޅި ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަކުރުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement