ކުރީ ސަރުކާރުގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޮޑުއަގުގައި ތަކެތި ގަނެ، މަސައްކަތްތައް ހަވާލުކުރި މައްސަލަ ފެންމަތިވެއްޖެ!
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ބޮޑުއަގުގައި ތަކެތި ގަތުމާއި، ނުއަގުގައި އެކި ފަރާތްތަކާ މަސައްކަތްތައް ހަވާލުކުރުމުގެ ގިނަ މައްސަލަތަކެއް އެ ހޮސްޕިޓަލުގެ ފާއިތުވި ތިން އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ 2022، 2023 އަދި 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި މައިގަނޑު 14 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން ގިނަ ކަންކަމަކީ މާކެޓް އަގަށްވުރެ ބޮޑު އަގުގައި ތަކެތި ގަތުމާއި އުސޫލުތަކާ ޚިލާފަށް މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކުރުމުގެ މައްސަލަތަކެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބާޒާރުގައި ތަކެތި ލިބެން ހުރި އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައި ހޮސްޕިޓަލަށް ބޭނުންވާ އާންމު ކޮންސިއުމަބަލްސް ވަނީ ގަނެފައެވެ. އެގޮތުން، އޮޑިޓުގައި ސާމްޕަލްގެ ގޮތުގައި ބެލި 3،083،388 ރުފިޔާގެ ތަކެއްޗަކީ، ދައުލަތުގެ އެހެން އިދާރާތަކަށް ގަނެފައިވާ އަގާއި މާކެޓް އަގަށްވުރެ 2،083،966 ރުފިޔާ އަގުބޮޑުކޮށް ގަނެފައިވާ ތަކެތި ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، ހޮސްޕިޓަލަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސް ހޯދުމުގައި ހަރުދަނާ އުސޫލެއް ނެތުމުގެ ސަބަބުން އަގުބޮޑުކޮށް ތަކެތި ގަނެފައިވާ ކަމަށާއި، ބައެއް ތަކެތި ބޭނުންވާ މުއްދަތަށް ނުލިބޭކަންވެސް ވަނީ ފާހަގަކޮށްފައެވެ. އޮޑިޓް ސާމްޕަލްގައި ހިމެނޭ 23 އައިޓަމަކަށް 1،964،971 ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ ތަކެތި މާކެޓުން 948،511 ރުފިޔާ އަގުހެޔޮކޮށް ލިބެން ހުރިކަން ވަނީ ހާމަވެފައެވެ. އަދި ލެބޯޓްރީ ކޮންސިއުމަބަލްސް ފޯރުކޮށްދިނުމުގައި 34،000 ރުފިޔާއަށް ގަނެވެން އޮތް އައިޓަމެއް 1.7 މިލިއަން ރުފިޔާއަށް ގަނެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އިމާރާތް މަރާމާތުކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، ހޮސްޕިޓަލުގެ ބޭރުގައި ޖަހާފައިވާ ތަށިމުށި ބަދަލުކުރުމަށް އެންމެ ކުޑަ އަގު ހުށަހެޅި ކުންފުނީގެ ބީލަން ކެންސަލްކޮށް، އެ މަސައްކަތަށް ލަފާކުރި އަގަށްވުރެ 1 މިލިއަނަށްވުރެ ގިނަ ރުފިޔާ އަގުބޮޑުކޮށް އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް އޮޑިޓުން ދައްކައެވެ. ހަމައެއާއެކު، ސެޕްޓިކް އޯޓީ ރޫމާއި އޭސީ ޑަކްޓް މަރާމާތުކުރުމުގެ މަސައްކަތް ވެސް އަންދާޒާ ކުރި ބަޖެޓަށްވުރެ 173،189 ރުފިޔާ އިތުރަށް ޚަރަދުވާ ގޮތަށް ވަނީ ހަވާލުކޮށްފައެވެ.
ހޮސްޕިޓަލުގެ ވެހިކަލް ގަތުމުގެ މުއާމަލާތްތަކުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަން ރިޕޯޓުން ހާމަވެއެވެ. އެގޮތުން، އާ ވޭނެއް ގަތުމަށް އެއްބަސްވި ފަރާތުގެ އެއްބަސްވުން ބާތިލުކުރުމަށްފަހު، އެއްވެސް އިއުލާނެއް ކުރުމަކާ ނުލައި އެހެން ފަރާތެއް މެދުވެރިކޮށް 583،000 ރުފިޔާ އަގުބޮޑުކޮށް ވޭނެއް ގަނެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އަދި ހޮސްޕިޓަލުން އެއްވެސް ބޭނުމެއް ނުކުރާ 3 ކޮޓަރިއަކަށް ކުލީގެ ގޮތުގައި 165،000 ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާކަން ވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ރިއެކްޝަންސް





