
ގެދޮރު ނެތް 18 އަހަރުން މަތީގެ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށޭނެ- ރައީސް
މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭ ކަމުގެ ލިޔުން ދޭނެ
ގެދޮރު ނެތް 18 އަހަރުން މަތީގެ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
އެއަމާޒަށް ވާސިލްވުމަށް 18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަށްޓަކައި ގްރޭޓަރ މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް ދޫކުރުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގެދޮރާއި ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމަށް ވަށާޖެހޭ، ދެމިގެންވާ ޙައްލެއް ހޯއްދެވުމަށް ސަރުކާރުން މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އެގޮތުން އެކި މަޝްރޫޢުތަކުގެ ދަށުން ގިރާވަރުފަޅާއި، ގުޅީފަޅު ހިމެނޭހެން، ގްރޭޓަރ މާލެ ސަރަޙައްދުން ގޯއްޗާއި ފްލެޓް، މިދައުރުގެ ތެރޭގައި ދޫކުރައްވާނޭކަމަށް ވިދާޅުވިއެވެ.
މާލެ ސަރަޙައްދަށް އެކަނި، 4000 ފްލެޓް އެކަށައެޅިފައިވާ ކަމަށާއި މީގެ ސަބަބުން މިސަރަޙައްދުގައި ޒަމާންތަކަކަށް ދެމިގެންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
18 އަހަރުވެފައިވާ މާލޭގެ ރައްޔިތުންނާއި މާލޭގެ ރަށްވެހިންނަށް "ފުރަތަމަ ގެ" ނުވަތަ "ފަސްޓް ހޯމް" ކަށަވަރުކޮށްދިނުމަކީ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެވަޢުދު ފުއްދެވުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް މާލެ ސަރަޙައްދުން ގޯތި ނުވަތަ ފްލެޓް، ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. މިކަމަށް އެދޭ، ޝަރުތު ހަމަވާ ފަރާތްތަކަށް މިއަހަރު ނިމުމުގެ ކުރިން ގޯތި ނުވަތަ ފްލެޓް ހަވާލުކުރެވޭކަމުގެ ލިޔުން އެރުވުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ 57 ރަށެއްގައި ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުގެ ދަށުން ނުވަތަ ދައުލަތުގެ ބަޖެޓުގެ ތެރެއިން، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގައި ބޭއިންސާފުން ކުރީގެ ސަރުކާރުތަކުން ކަންތައްތަކެއް ކޮށްފައިވާކަމަށް އިޝާރާތްކުރައްވާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ފްލެޓް ގެއްލުނު ފަރާތްތަކަށް، މިސަރުކާރުގެ ފުރަތަމަ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން ފްލެޓް ހަވާލުކުރެވޭނެކަމަށެވެ. އަދި، މިއަށް އޮތް ހަމައެކަނި އިސްތިސްނާއަކީ އެހެން ސްކީމެއްގެ ދަށުން ގެދޮރު ކަށަވަރުވެފައިވުން ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް






