ޔޫތު ވޮލަންޓިއަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޔޫތު ވޮލަންޓިއަރ ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއީ މުޖުތަމަޢުގައި ޒުވާނުންގެ ދައުރު ފުޅާކޮށް، އެފަރާތްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު ހަރަކާތެކެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެ ވުޒާރާގެ ރަސްމީ ވެބްސްއިޓުގައި ޝާއިއުކޮށްފައިވާ ގޫގަލް ފޯމު މެދުވެރިކޮށް ވީއެންމެ އަވަހަކަށް ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ޒުވާނުންނަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދައިދީ، ހުނަރުވެރި ޖީލެއް ބިނާކުރުމެވެ. މިގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް އިޖްތިމާޢީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނުތަކާއި، ވޯކްޝޮޕްތަކުގެ އިތުރުން ސެމިނާތަކުގައި ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ވުޒާރާއިން ހިންގާ އެކި ޕްރޮގްރާމުތަކުގައި އިސްކޮށް ހަރަކާތްތެރިވެ، އަމަލީ ތަޖުރިބާ ހޯދުމުގެ މަގުވެސް ބައިވެރިންނަށް ފަހިވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން މިހާރުވެސް އަންނަނީ ޒުވާނުންނާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި އެކިކަހަލަ ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންތަކުގެ އިތުރުން ކަލިނަރީ އިވެންޓްތައް ފާހަގަކޮށްލެވެއެވެ. މި ހުރިހާ ހަރަކާތްތަކަކަށްވެސް ޒުވާނުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޒުވާނުންގެ ކުރިއެރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހި ޒުވާނުންނަކީ މުޖުތަމަޢަށް ފައިދާހުރި، މަސައްކަތްތެރި ބަޔަކަށް ވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ރިއެކްޝަންސް





