ލާމަރުކަޒީ ގާނޫނު އިސްލާހުކުރާއިރު ކައުންސިލްތަކާ މަޝްވަރާ ކުރަން އެމްޑީޕީން ގޮވާލައިފި
ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެގެ ބިލަށް އޮތް ކަންބޮޑުވުން ފާހަގަކުރި
ލާމަރުކަޒީ ގާނޫނު އިސްލާހުކުރާއިރު ކައުންސިލްތަކާ މަޝްވަރާ ކުރަން އެމްޑީޕީން ގޮވާލައިފި އެވެ,
އެމްޑީޕީން މިކަމަށް ގޮވާލީ މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެގެ ބިލަށް ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެއްގައެވެ. އެމްޑީޕީގެ ބަޔާނުގައި ގޮވާލީ ލާމަރުކަޒީ ގާނޫނު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެ ގާނޫނުތަކާމެދު ރަށު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާއި އަދި ގުޅުންހުރި މަދަނީ ޖަމިއްޔާ، ޖަމާއަތްތަކާ، ސިޔާސީ ޕާޓީތަކާއެކު ހުޅުވާލެވިފައިވާ، ބިނާކުރުވަނިވި މަޝްވަރާއަކަށް ދިއުމަށެވެ. އަދި އެފަދަ މަޝްއަރާއާއެކު މެނުވީ އެފަދަ ބިލުތައް ފާސްނުކުރުމަށް އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލިހަށް އިލްތިމާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލިހުގައި އޮތީ ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އެވެ.
އެމްޑީޕީން ބުނީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށައަޅާ ފާސްކުރެވެމުންދާ ބައެއް ގާނޫނުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށް ކައުންސިލްތަކަށް ގިނަ ގުނަ ހުރަސްތައް ކުރިމަތިވާނެކަން ކައުންސިލްތަކުން ފާހަގަކުރާ ކަމަށެވެ. އަދި ކަންބޮޑުވުން އެމްޑީޕީއާ ހިއްސާ ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ. ޚާއްސަކޮށް ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ ސަބަބުން އޮތް ކަންބޮޑުވުން ފާހަގަކޮސްފައި ވެއެވެ. އެބިލްގެ ސަބަބުން ލާމަރުކަޒީ ގާނޫނުގައި ރަށްރަށުގެ ބިން ޕްލޭންކޮށް ހިންގުމުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލާ ރަށުގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމަ ބާރު ލިބިގެންދާނެކަމަށް ބުނެފައި ވެއެވެ.
އެމްޑީޕީން ބުނީ މި ވަގުތު ކޮމިޓީ މަރުހަލާގާ އޮތް އާރބަން ޑިވޮލޮޕްމަންޓް ބިލް ސަރުކާރުން މިހާރު ހުށައަޅަފައިވާ ގޮތަށް ފާސްކުރެއްވިއްޖެނަމަ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ކަނޑައެޅި މުހިއްމު އަސާސްތައް މުގުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ރިއެކްޝަންސް