ރައްކާތެރި އެންމެ ވެލިފުކެއްވެސް ނެތް! ނަމަވެސް ސަލާމަތް ހޯދުމަށް ދަތުރުކުރުމުގައި ހަޔާތެއް!
ފަލަސްތީން ހަނގުރާމައިގެ ތެރޭގައި:

ރައްކާތެރި އެންމެ ވެލިފުކެއްވެސް ނެތް! ނަމަވެސް ސަލާމަތް ހޯދުމަށް ދަތުރުކުރުމުގައި ހަޔާތެއް!

މެއި މަހުގެ ނިޔަލަށް 70,000 ޓަނުގެ ބޮން ގޮއްވާލައިފި

3 months ago - 05:48
Aug 24, 2024 - 11:38

އަމިއްލަ ވަޒަނުގައި ރައްކާތެރިކަމެއްނެތި, ފުރާނަ އަތްމައްޗަށް ލައިގެން ރައްކާތެރިކަމެއް ލިބޭތޯ އެމީހުން ހިނގަމުންދާތާ ޤަރުނެއްގެ ހަތަރުބައިކުޅަ އެއްބައި ފުރިހަމަވީއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން އެމީހުން ގުނަމުން އެދަނީ އަނިޔާވެރިކަމާއި ކެކުޅުމުގެވެސް އިންތިހާގެ  11ވަނަ މަހެވެ. 

މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން އިޒްރާއިލްގެ އަނިޔާވެރިކަން ދިގުދެމިގެންދިޔަ ދިގު ހަފްތާތައް, ބައެއްފަހަރު ދެތިން މަހަށްވެސް ދިގުލައިގެން ދިޔައެވެ. ނަމަވެސް މިފަހަރު މުޅީން ތަފާތެވެ. ދިގުމިނުގައި 25 މޭލު އޮންނަ ޣައްޒާގެ ބިމުގެ ބޮޑުމިނަކީ އެންމެ 365 އަކަ ކިލޯމީޓަރެވެ. މި ކުޑަކުޑަ ބިންކޮޅުގައި ފިތިބާރުވެގެން 2 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. 

އޮކްޓޯބަރ މަހުގެ ފަހުން މެއި މަހުގެ ނިޔަލަށް އެކަނިވެސް 70,000 ޓަނުގެ ބޮން ޣައްޒާގައި ގޮއްވާލާފައިވާކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިއީ ދެވަނަ ބޮޑުހަނގުރާމަވެސް ހިމެނޭހެން, އަދި އޭގެ ފަހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގޮއްވާލި ބޮމުގެ އަދަދާވެސް ނުބައްދަލު އަދަދެކެވެ.

އިޒްރާއިލްގެ ބުލްޑޯޒަރުތަކާއި, މިސައިލްއާއި ބޮމުގެ ހަމަލާތަކުގެ ޝިކާރައަށްވެ ދިރިއުޅުން ވިއްސިވިހާލި ވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ދުވާލަކު އެތައް އަމުރެއް އިޒްރާއިލް އިން ފޮނުވައެވެ. އެހެން ސަރަޙައްދަކަށް ބަދަލުވުމުގެ އަމުރެވެ. ތިބި ތަނުން ނިކުތުމުގެ އަމުރެވެ. ރައްކާތެރި ނޫންކަމުގެ އަމުރެވެ. އެކަމަކު ހިޞާރުކޮށްފައިވާ ބިމެއްގައި އެމީހުން ވަކި ދާނީ ކޮންތާކަށް ހެއްޔެވެ! ރައްކާތެރިކަމުގެ އެންމެ ވެލިފުކެއްވެސް ނެތް އެބިމުގައި އެމީހުން ރައްކާތެރިކަން ހޯދަން ވަންނާނީ ވަކި ކޮންތާކަށް ހެއްޔެވެ! 

Advertisement
Advertisement

ނިކުމެގެން ގޮސްގޮސް ތިއްބާވެސް ބޮންއަޅާ މަރާލަނީ އެވެ. ގެދޮރު ގެއްލި ޓެންޓުތަކުގައި ތިއްބާ ޓެންޓުތަކަށްވެސް ހަމަލާދެނީއެވެ. ބުލްޑޯޒަރުތައް އެމީހުން ފަހާ ދުއްވާއިރު ސަލާމަތްވާން ދާން ކުރިމަތީގައި އޮތީ މެޑިޓެރޭނިއަން ކަނޑެވެ. 

މެދުތެރޭ ޣައްޒާގެ ދިއެރް އެލް ބަލަޙްގައި ފަލަސްޠީނުގެ އެތައްހާސް ބަޔަކު ދިރިއުޅެނީ އެކަށީގެންވާ ހިޔާވަހިކަމެއް ނެތިއެވެ. ސަރަހައްދު ދޫކޮށްދިއިމަށް އިޒްރާއިލް ސިފައިން އަންގާ ކޮންމެ އަމުރަކާއި އެކު މުޅި ސިޓީ ވަނީ ތޮއްޖެހިފައެވެ.

ދިއެރް އެލް-ބަލަޙް އަކީ "ސަލާމަތްތެރި ޒޯނެއް" ކަމަށް ކުރިން އިޒްރާއިލްއިން ކަނޑައަޅާފައިވާ ސަރަޙައްދެކެވެ. ނަމަވެސް ދުވާލަކު އެތައް ފަހަރަކު އެސަރަޙައްދުގެ އެތަންމިތަނުން މީހުން ހުސްކުރުމަށް އަމުރުތައް ދަނީ ނެރެމުންނެވެ. އިޒްރާއިލްއިން އަންގާފައިވަނީ ދިއެރް އެލް-ބަލަޙްގައި އެމީހުންގެ މިލިޓަރީ އޮޕަރޭޝަން ފެށުމުގެ ކުރިން އާންމުން އެސަރަޙައްދު ދޫކޮށް ދިއުމަށެވެ. 

ނުރައްކާތެރި ހަނގުރާމަވެރިން ތިބިކަމަށްބުނެ އުތުރު ޣައްޒާ, ޙާން ޔޫނުސް އަދި ރަފަހް އެފުއްމިފުށަށް ޖެހުމަށްފަހު, އިޒްރާއިލް ސިފައިން މިހާރު ދަނީ ކިރިޔާ ސަލާމަތުން އޮތް ދިއެރް އެލް-ބަލަޙް ތަންކޮޅަކަށް ފަހު ތަންކޮޅެއް ސުންނާފަތި ކުރަމުންނެވެ. ހަމަލާތައް ފެށުމުގެ ކުރިން ހުޅަނގު ޣައްޒާއަށް ދިއުމަށް ދަނީ އަންގަމުންނެވެ. އެއީ ޣައްޒާގެ މެޑިޓެރޭނިއަން ކަނޑާ ވީ ފަޅިއެވެ. 

އިޒްރާއިލްގެ ސިފައިން މިހާރުތިބީ ހުޅަނގު ޣައްޒާގެ އަލް-ގްރާރާ ސަރަޙައްދުގައި ޓޭންކުތަކާއެކު ހަމަލާއަށް ތައްޔާރުވެގެންކަމަށް ރިޕޯރޓްތައް ބުނެއެވެ.

ފައިމަގުގައި ޒަރޫރީ ސާމާނައި އަންނައުނު އަޅާފައިވާ ދަބަސްތަކާއި ރަޖާ ފަދަ ތަކެތި ހިފައިގެން, ހުރި މަދު ކާނާކޮޅާއެކު އެތައްހާސް ބަޔަކުދަނީ ސަރަޙައްދު ދޫކޮށް ހިނގަމުންނެވެ.  

ޣައްޒާގައި ހަރަކާތްތެރިވާ އދގެ އެޖެންސީ އޮން ފަލަސްޠީނިއަން ރެފިއުޖީސް (އަންރުވާ) އިން ފާއިތުވެދިޔަ ހަފްތާގައި މަޢުލޫމާތު ދިންގޮތުގައި "ރައްކާތެރި ސަރަޙައްދު" ގެ ގޮތުގައި އިޒްރާއިލް އިން ކަނޑައަޅާފައިވާ ސަރަޙައްދު އިޒްރާއިލްއިން މިހާރުވަނީ %11 އަށް ކުޑަކޮށްފައެވެ. އެއީ ގާތްގަނޑަކަށް 40 އަކަ ކިލޯމީޓަރެވެ. މިއާއެކު އެސަރަޙައްދުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ވަނީ ގޮތްހުސްވެ ބިރުގެންފައެވެ.

ދިހަ މަސްދުވަހަށް ވުރެ ގިނަދުވަސް ވެފައިވާ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީން ގެ ބައިލައްކައެއްހާ މީހުން އިޒްރާއިލް އިން ވަނީ މަރާލާފައެވެ. 1.9 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު 93,000 މީހުން ވަނީ ޒަޙަމްވެފައެވެ. އަދި ސުންނާފައިވެފައިވާ އިމާރާތްތަކުގެ ދަށުގައި އެތަކެއްހާސް މީހުން ތާށިވެފައިވާ ކަމަށް ފަލަސްޠީން ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ ހަމައެކަނި މަގު, ރަފަޙް ބޯޑަރު ބަންދުކޮށްފައި އޮންނަތާ 6 މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު, ޣައްޒާއިން ކާނާ އާއި ބޭސްވަނީ އެއްކޮށްހެން ހުސްވެފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow