ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން މަޖުބޫރުވާ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން މަޖުބޫރުވާ އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

2 hours ago - 14:47
Advertisement
Advertisement

ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %40 ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.


މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މާދަމާއިން ފެށިގެން ރިސޯޓުތަކުން ކޮންމެ މަހަކު ލިބޭ ޑޮލަރު އާމްދަނީގެ %40 ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް މާރުކުރުން މަޖުބޫރުވާނެއެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ކުރިން އޮތް ގޮތުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ %20 މާރުކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް، މިހާރު ގެނައި ބަދަލާއެކު ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން އޮތް ބައި ވަނީ އުވާލައިފައެވެ.


ބިލް ތަސްދީގު ކުރެއްވުމަށްފަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ދައުލަތަށް ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ހޭދަކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތަށް 5.6 ބިލިއަން ޑޮލަރު ލިބުނުއިރު، ބޭންކިން ނިޒާމަށް ވަދެފައިވަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިންވެސް މާރުކޮށްފައިވަނީ އެންމެ %21 ކަން ރައީސް ފާހަގަކުރެއްވިއެވެ.


މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވެސް ވިދާޅުވެފައިވަނީ، މި ނިސްބަތް %40 އަށް ބޮޑުކުރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ބޭރު ފައިސާއިން ދޫކުރާ ޓީޓީތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ކޮންމެހެން އަޅަންޖެހޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.


މީގެއިތުރުން، ކަޅުބާޒާރުގައި ޑޮލަރު މުއާމަލާތްކުރުން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް ވަނީ މި ގާނޫނުގެ ދަށުން ކަނޑައަޅާފައެވެ. އެގޮތުން ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުމާއި، އެފަދަ ރޭޓުތައް އިޝްތިހާރުކުރުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.


މިފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތަކަށް ބަލާއިރު، އަމިއްލަ ފަރުދުން ކަނޑައެޅިފައިވާ ރޭޓަށްވުރެ ބޮޑުކޮށް ފައިސާ ވިއްކުން ނުވަތަ ވިއްކަން އުޅުމުން: 25,000 ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ. 


ސޯޝަލް މީޑިއާ ނުވަތަ ޑިޖިޓަލް ވަސީލަތްތަކުގައި ބޮޑު އަގުގައި ޑޮލަރު ވިއްކަން އިޝްތިހާރުކުރުމުން: 25,000 ރުފިޔާއާއި 500,000 (ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
ކުންފުނިތަކާއި ވިޔަފާރިތަކުން މިފަދަ އަމަލެއް ހިންގުމުން: 100,000 (އެއް ލައްކަ) ރުފިޔާއާއި 5,000,000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ ބޮޑު އަދަދަކުން ޖޫރިމަނާކުރުން ހިމެނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement