
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ކަންތައްތަކެއްގެ މައުލޫމާތު ސްޓެލްކޯ މުވައްޒަފުންނަށް ދީފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ވަނީ ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ރޯދައާ ގުޅޭ މަޢުލޫމާތު ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.
"ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި ސެޝަން ކުރިއަށްގެންސދިޔައީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ. ސްޓެލްކޯއިން ބުނީ ސެޝަން ބޭއްވީ ކުރިއަށް އޮތް ރަމަޟާން މަހަށް މުވައްޒަފުން ތައްޔާރުކުރުމުގެ މަޤްޞަދުގައި ކަމަށެވެ. މި ސެޝަނުން މުވައްޒަފުންގެ ހިތްތަކުގައި އިސްލާމްދީނާ މެދު ލޯބި އިތުރުކޮށް، ނަމާދާއި ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރެވުނު ކަމަށް އެކުންފުނިން ބުންޏެވެ.
ސެޝަންގައި މަޢުލޫމާތު ދިން މުހިންމު ބައިތަކުގެ ތެރޭގައި ރޯދަ މަހުގެ މުހިންމުކަމާއި، ރޯދައިގެ ޙިކުމަތްތަކާއި، ރޯދަ ހިފުމުގެ ޞައްޙަ ގޮތްތަކާއި، ނަމާދުގެ މުހިންމުކަން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދިނުމަށްވެސް ސެޝަންގެ ބައެއް ޚާއްޞަކުރިއެވެ.
މި ސެޝަނުން މުވައްޒަފުންނަށް ރޯދައާއި ނަމާދާ ގުޅުންހުރި އަގުހުރި ގިނަ މަޢުލޫމާތުތަކެއް ފޯރުކޮށްދެވުނު ކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މިފަދަ ޕްރޮގްރާމްތަކަކީ މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ރަމަޟާން މަހަށް ރޫޙާނީ ގޮތުން ތައްޔާރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތްތަކެވެ.
ރިއެކްޝަންސް






