
މީޑިޔާ ކޮމިޝަނަށް މަޖިލިހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
މަޖިލިހުން ތިން މެމްބަރުން ކަނޑައަޅާނެ
އަލަށް އުފައްދާ މީޑިޔާ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. 7 މެމްބަރުން ހިމެނޭ ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ކަނޑައަޅަނީ ތިން މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލިހުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މަޖިލިހުން ކަނޑައަޅާ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 12 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށެވެ. މެމްބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމާއި, މީޑިޔާއެއްގެ އެޑިޓަރަކަށް އަދި މަސްއޫލުވެރިއަކަށް ނުވުން ހިމެނެއެވެ. އަދި ކޮމިއުނިކޭޝަނާއި މީޑިޔާ ޚިދުމަތް ދިނުމުގެ ދާއިރާގައި ވިޔަފާރީގެ ޙިއްސާއެއް އޮތް މީހަކަށް ނުވުންވެސް ހިމަނާފައިވެއެވެ.
ތައުލީމީ ޝަރުތުތަކަށް ބަލާއިރު ނޫސްވެރިކަން ނުވަތަ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާއިން, ނުވަތަ ސިޔާސަތު ކަނޑައެޅުމާބެހޭ ދާއިރާއިން ނުވަތަ ހިންގުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުން ނުވަތަ މީޑިޔާގެ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން ހިމަނާފައި ވެއެވެ. މެމްބަރު ކަމަށް ކުރިމަތިލެވެނީ 30 އަހަރު ފުރިފައިވާ މީހުންނަށެވެ.
އެހެނިހެން ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގެ ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވުމާއި, މަސްތުވތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވެފައި ނުވުމާއި, ހިޔާނާތް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނުވުމާއި, ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ ކުށެއް ސާބިތުވެފައި ނުވުން ހިމެނެއެވެ.
ކޮމިޝަނަށް ކަނޑައަޅާ ހަތް މެމްބަރުންގެ ތެރެއިން 4 މެމްބަރުން އިންތިޚާބުކުރަނީ މީޑިޔާތަކުންނެވެ. އެއިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަނީ އިލެކްޝަން ކޮމިޝަނުންނެވެ. އިންތިޚާބު ބާއްވަން އެކޮމިޝަނުން ކަނޑައަޅާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
ރިއެކްޝަންސް






