
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނައަށް ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު
ދެއްވަނީ ރައީސްގެ ސްކޮލަރޝިޕް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނައަށް ބޭނުން ގައުމަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތުދޭން ސަރުކާރުން ނިންމަވައިފިއެވެ. މިކަން އިއުލާނުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދޭން ނިންމަވާފައިވާ ކަމަށެވެ. މީގެއިތުރުން ޙާފިޡުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށްވެސް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާއި ހަމަޔަށް ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދޭން ނިންމެވިކަން ރައީސް އިއުލާނުކުރެއްވިއެވެ.
އަދި މުޅި މުބާރާތުން އެ 3 ބައިން 1 ވަނަ ހޯދާ ފަރާތްތަކަށާއި، މުއައްސަސާތަކުގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ތަނަކަށް، ރައީސުލްޖުމްހޫރިއްޔާގެ އިނާމުގެ ތެރޭގައި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމަކާއި ޝަރަފުގެ ފިލައެއް ދޭންވެސް ވަނީ ނިންމަވާފައެވެ.
މުބާރާތުގެ ހުރިހާ ވަނަތަކަށް މިނިސްޓްރީ އިން ދޭ އިނާމުތައްވެސް ކުރިޔަށްވުރެ ގިނަވެފައި އަގުބޮޑު ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅަން ދޭ ފުރުޞަތުވެސް އިތުރަށް ފަހިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމު ދެވޭ މުބާރާތް ކަމުގައި ހަދާނެކަމަށް މިދިޔަ އަހަރުގެ ޖަލްސާގައި ރައީސް ވަނީ އިޢުލާނުކުރައްވާފައެވެ. އެންމެ ބޮޑު ހިތްވަރެއް ދޭންޖެހޭނީ، އެންމެ ބޮޑު އިނާމްތަކެއް ދެވެންވާނީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު އެންމެ ރީތިކޮށް ކިޔެވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






