އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި
އިސްރާއީލުން ހުއްޓުމެއްނެތި ހިންގަމުންދާ ޣައިރު ޤާނޫނީ އަދި އަނިޔާވެރި ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް ގޮވާލައްވައިފިއެވެ.
ޚާރިޖީ ވަޒީރު މިކަމަށް ގޮވާލެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި މިއަދު ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ކުއްލި ބައްދަލުވުމުގައި (އެކްސްޓްރާއޯޑިނަރީ މީޓިންގ)، ދެއްވި ބަޔާނުގައި ވަޒީރު ވަނީ، ފަލަސްތީނުގެ ބިންތަކަކީ ޒަޔަނިސްޓު އިސްރާއީލުގެ މިލްކެއް ކަމަށް ކަނޑައަޅައި، އެ ބިންތައް ޣައިރު ޤާނޫނީ ގޮތުގައި ހިސާރުކުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޤާނޫނާ ޚިލާފު ޖަރީމާތައް ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މީގެއިތުރުން، އިސްލާމީ އުއްމަތުގެ އަސާސްތަކާއި އުސޫލުތައް ނެގެހެއްޓުމަކީ އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު އެރުއްވިއެވެ.
އަދި ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށްޓަކައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޣައްޒާ ކޮންފްލިކްޓް" ފުރިހަމައަށް ތަންފީޒުކުރުމަށް ވަޒީރު އިރުތިޝާމް ގޮވާލެއްވިއެވެ. މި ބައްދަލުވުމުގެ ހަވާސާގައި އޯ.އައި.ސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، އެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަކީ 57 ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ، އަދި ފަލަސްތީނުގެ ޙައްޤުގައި މެދުކެނޑުމެއްނެތި ވަކާލާތުކުރަމުން އަންނަ މުހިންމު ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރު މި ޖަމްޢިއްޔާގެ މެންބަރަކަށް ވީއްސުރެ، އޯ.އައި.ސީގެ ޙަރަކާތްތަކުގައި ފާހަގަކޮށްލެވޭ ފަދަ އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ.
ރިއެކްޝަންސް





