އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖޭގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓް އޮފީސް

އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ރާއްޖޭގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ: މެޓް އޮފީސް

2 hours ago - 14:16
Advertisement
Advertisement

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިން އެލްނީނޯގެ ބާރު ގަދަވަމުން ދިއުމާ ގުޅިގެން، ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ހޫނުމިން އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.


މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެލްނީނޯގެ ބާރު ގަދަވަމުންދާއިރު، އެކަމުގެ ސަބަބުން ދުނިޔޭގެ ހޫނުމިން ދަނީ ވަރަށް ބޮޑަށް މަތިވަމުންނެވެ. އަދި ރާއްޖެ ހިމެނޭ ސަރަހައްދުގެ މޫސުމަށް އަންނަ މިފަދަ ބަދަލުތައް އެ އިދާރާއިން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.


މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ނުރައްކާވުމާއި، ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ދަތިތައް ކުރިމަތިވުން ހިމެނެއެވެ. މީގެއިތުރުން ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.


ކުރިއަށް އޮތް ތިން މަހު ވާރޭވެހޭނެ ކަމަށް ލަފާކުރާ މިންވަރަށް ބަލާއިރު، ސެޕްޓެންބަރު މަހު ރާއްޖޭގެ އުތުރަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުންނެވެ. ނަމަވެސް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި އޮކްޓޯބަރު އަދި ނޮވެންބަރު މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ބެލެވުނު ނަމަވެސް، އެންމެ ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމު މިންވަރަށް ވުރެ މަދުންނެވެ.


އެންމެ ފަހުގެ ޑޭޓާތަކުން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. އަދި ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރު، އޮގަސްޓް މަހުގެ މެދުތެރޭގައި އެ މިންގަނޑު 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާ ކަމަށާއި، ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާކަން މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.


ކަނޑާއި ޖައްވުގެ މިހާރުގެ ހާލަތުން އެލްނީނޯގެ އަސަރުތައް ވަރަށް ބޮޑަށް ފެންނަމުންދާއިރު، ބައިނަލްއަޤްވާމީ ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރުން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރުގަދަވަމުން ދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement