މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ހަރުދަނާކުރުމަށް ވެބްސައިޓެއް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ހަރުދަނާކުރުމަށް ވެބްސައިޓެއް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި

17 hours ago - 13:03
Advertisement
Advertisement

މާލެ ސަރަޙައްދުގައި ދެމުންގެންދާ "މާލެ ޓެކްސީ" ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ޚިދުމަތުގެ ރަސްމީ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް މިއަދުން ފެށިގެން އަގު ނަގަން ފަށައިފިއެވެ.


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕަނީ (އެމްޓީސީސީ) އިން ހާމަކުރި ގޮތުގައި، އަލަށް ތައާރަފުކުރި http://mtl.mtcc.mv ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަރަށް ފަސޭހަކަމާއެކު ޓެކްސީ ބުކްކުރުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މި ވެބްސައިޓް މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން ނިންމާލެވޭނެއެވެ.


ވެބްސައިޓުގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ޓެކްސީ ބުކް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ހޮޓްލައިން މެދުވެރިކޮށް ބުކްކުރާ ފަރާތްތަކަށް ފައިސާ ދެއްކުމަށްޓަކައި އެސްއެމްއެސް މެދުވެރިކޮށް ޕޭމަންޓް ލިންކެއް ފޮނުވޭނެއެވެ.


ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މާލެ އަދި ހުޅުމާލެ އެތެރޭގެ ދަތުރަކަށް ނަގާނީ 30 ރުފިޔާއެވެ. މާލެއިން ހުޅުމާލެ ފޭސް 1 އަށް 85 ރުފިޔާ އަދި ފޭސް 2 އަށް 100 ރުފިޔާގެ ރޭޓުން އަގުތައް ވަނީ ކަނޑައަޅާފައެވެ.


މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ޚިދުމަތް ފެށުމަށްފަހު މިމަހުގެ 3 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތައް ކޮށްދީފައިވަނީ މުޅިން ހިލޭ ނަމަވެސް، މިއަދުން ފެށިގެން މިވަނީ އަގު ނަގަން ފަށާފައެވެ.


އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި ޓެކްސީތަކުން މަގުމަތިން އަތް ނަގައިގެން ދަތުރެއް ނުނަގާނެއެވެ. މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޓްރެކްކޮށް، މޮނިޓަރކޮށްގެން ދޭ އިތުބާރު ހުރި ޚިދުމަތަކަށް ވާތީ، މީގެ ސަބަބުން ކާރުގައި ތަކެތި ބެހެއްޓުން ފަދަ ކަންކަމުގައި ކަސްޓަމަރުންނަށް ލިބޭ ގެއްލުންތައް ކުޑަވެގެންދާނެއެވެ. މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އެމްޓީސީސީން މިހާރު ދަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement