ސްވިޑަންގެ ރަސްގެފާނަށް ރާއްޖޭގެ ސަފީރު ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ކިންގްޑަމް އޮފް ސްވިޑަންއަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޢައިޝަތު ޝާން ޝާކިރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސްވިޑަންގެ ރަސްގެފާނު، ކިންގް ކާލް ސޯޅަވަނަ ގުސްޓާފްއަށް މިއަދު އަރުވައިފިއެވެ.
ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގައި ބޭއްވި މި ރަސްމިއްޔާތަށްފަހު، ސަފީރު ޝާން ވަނީ ރަސްގެފާނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ސަފީރު ވަނީ އަރިސްކުރައްވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން އެކަމަނާ ވަނީ ދިވެހިރާއްޖެ އާއި ސްވިޑަންއާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ސަފީރު ޝާން އެރުވިއެވެ.
ސްޓޮކްހޯމްއަށް ކުރެއްވި މި ދަތުރުފުޅުގައި ސަފީރު ޝާން ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި ސަފީރު ޝާންގެ އަރިހުގައި، ބަރލިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންނެވިއެވެ. ޢައިޝަތު ޝާން ޝާކިރަކީ ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން، ކިންގްޑަމް އޮފް ނޯވޭއަށާއި ރިޕަބްލިކް އޮފް ފިންލެންޑްއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.
ރިއެކްޝަންސް





