މަސްތުވާތަކެއްޗާއި ޖުވާކުޅުމުގެ ތުހުމަތުގައި 38 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްތުވާތަކެއްޗާއި ޖުވާކުޅުމުގެ ތުހުމަތުގައި 38 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

2 hours ago - 23:09
Advertisement
Advertisement

މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.


ފުލުހުން މިރޭ ހާމަކުރި މައުލޫމާތުގައިވާ ގޮތުން، މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ ބިދޭސީންތަކެއް ގުޅިގެން ގާނޫނާ ހިލާފު ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.


މި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 38 ފިރިހެނުންނެވެ. މި މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖެއިން ޑީޕޯޓްކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައަކަށް ވެފައިވާއިރު، އެމީހުން ފޮރުވި ތިބެ ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތަކާއި އިޖުތިމާއީ މައްސަލަތައް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ކުރީގެ ސަރުކާރުތަކުން މިކަމުގައި އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވި ނަމަވެސް، މިހާރު ފަށާފައިވާ ބޮޑު އޮޕަރޭޝަނުގެ ދަށުން މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ދަނީ ހޯދަމުންނެވެ.


މީގެ އިތުރުން، ރާއްޖޭގައި އިސްލާމްދީނާ ހިލާފު ކަންކަން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ހުށަހެޅިފައިވާ އިސްލާހުގައިވާ ގޮތުން، މިއީ ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށަށް އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.


ސަރުކާރުން މިހާރުވެސް ވަނީ ޖުވާ ކުޅުމަށާއި ބެޓް ކުރުމަށް ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ވެސް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ މުހިންމު ފިޔަވަޅުތަކެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement