ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި
ޤާނޫނު ނަންބަރު 2019/14 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.
މި އިޞްލާޙުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ފަރާތްތަކާއި މަސްވެރި އުޅަނދުތަކަށް އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ކުރުން ހުއްދަކުރެވިފައިވާ މަސްވެރިކަން ކުރުމާއި، އެކުއަކަލްޗަރކުރުމުގެ އުސޫލުތަކާއި، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމާ ބެހޭ އުސޫލު ބަޔާންކުރުމާއި މި ނޫންވެސް ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ބޭނުންވާ އިޞްލާޙުތައް ގެނައުމެވެ.
މި އިޞްލާޙާއެކު، ރައްކާތެރިކަމާއެކު މަސްވެރި އުޅަނދުފަހަރު ބަނދަރުކުރުމަށް ތަރައްޤީކުރެވިފައިވާ، މަސްވެރިކަމަށް ޚާއްޞަކުރެވިގެން ފޯރުކޮށްދޭ ޚިދުމަތްތައް ލިބޭ، މަސްވެރިކަމުގެ ބަނދަރުތައް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މީގެ އިތުރުން، މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަމުގެ ޙަރަކާތްތަކާއި އެފަދަ މަސްވެރިކަމާ ފެސިލިޓީތައް ތަރައްޤީކޮށް ހިންގުމަށް ކަމާގުޅޭ ވުޒާރާއިން އުސޫލުތައް އެކުލަވާލަންވާނެ ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. އަދި އެކުއަކަލްޗަރކުރުމަށް ސަރަޙައްދުތައް ކުއްޔަށް ދޫކުރެވޭ ގޮތްތައް ފުޅާކޮށް، އެކަމާ ގުޅޭ އުސޫލުތައް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ ބޭރުގެ މަސްވެރި އުޅަނދުތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި އެ އުޅަނދެއްގެ ފްލޭގް ސްޓޭޓް ޒިންމާދާރުކުރެވޭނެ ހަމަތައް ކަނޑައެޅުމާއެކު މަސްވެރިކަމުގެ ޤާނޫނާ ގަވާއިދުތައް ތަންފީޒުކުރުމުގައި މިނިސްޓްރީން ޢަމަލުކުރާ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ ކުށް ކަނޑައަޅައި، އެ ކުށުގެ އަދަބާއި، ޖޫރިމަނާކުރެވޭ އަދަދުތަކަށް ވަނީ އިޞްލާޙު ގެނެސްފައެވެ. މި އިޞްލާޙުތަކާ ގުޅިގެން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
ރިއެކްޝަންސް





