ރައީސް މުޢިއްޒު އެމަނިކުފާނުގެ މާލީ ބަޔާން އާންމުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ މާލީ ބަޔާން ރަސްމީކޮށް އާންމުކުރައްވައިފިއެވެ. މި ބަޔާން މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރައްވާފައެވެ.
މި މާލީ ބަޔާނުގައި ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި އާމްދަނީ އާއި، މިލްކިއްޔާތުގައި ހުރި މުދަލާއި ވިޔަފާރީގެ މަސްލަހަތުތަކުގެ ތަފްސީލު ހިމަނުއްވާފައިވެއެވެ. މީގެ އިތުރުން، ބަޔާން ދިން ތާރީޚާ ހަމައަށް ބޭންކު އެކައުންޓްތަކުގައި ހުރި ފައިސާ އާއި، އަދާކުރަންޖެހޭ ލޯނާއި ދަރަނީގެ މަޢުލޫމާތުވެސް ވަނީ ހާމަކުރައްވާފައެވެ.
އާމްދަނީގެ ތަފްސީލު:ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ގޮތުގައި 282,024.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، ހުޅުމާލޭ ރޯހައުސްއަކުން ކުލީގެ ގޮތުގައި 240,000 ރުފިޔާ އަދި އާއިލީ ގެ، މ. ފިޤް އިން 180,000 ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް ޤާނޫނުގެ ދަށުން ލިބިވަޑައިގަންނަވާ އެލަވަންސްގެ ގޮތުގައި 199,999.98 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ދިމްޔާތު ޕްރައިވެޓް ލިމިޓެޑުން މުސާރައިގެ ގޮތުގައި 78,000 ރުފިޔާ އާއި، މިނިސްޓްރީ އޮފް ހެލްތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އަދާކުރެއްވި ވަޒީފާއިން 4,927.32 ރުފިޔާ ލިބިވަޑައިގެންފައިވާކަން ބަޔާނުން އެނގެއެވެ.
މިލްކިއްޔާތާއި މުދާ:ރައީސުލްޖުމްހޫރިއްޔާގެ މިލްކިއްޔާތުގައި ހިމެނޭ މ. ދިމްޔާތަކީ ވާރުތައިން ލިބިވަޑައިގެންފައިވާ ބިމެކެވެ. މީގެ އިތުރުން 5.9 މިލިއަން ރުފިޔާގެ އަގުހުރި ހުޅުމާލެ އެމްބަރ ޓެރަސްގެ އެޕާޓްމަންޓަކާއި، ހއ. ވަަށަފަރުގައިވާ 150,000 ރުފިޔާގެ ބިމެއް (ދިމްޔާތު) ހިމެނެއެވެ. އަދި މ. ފިޤްގެ ބައެއް އެމަނިކުފާނަށް ހިބައިން ލިބިވަޑައިގެންފައިވާއިރު، 260,000 ރުފިޔާގެ އަގުހުރި ކާރެއްވެސް މިލްކިއްޔާތުގައިވެއެވެ.
ބޭންކް ބެލެންސް އަދި ދަރަނި:ބަޔާން ދިން ތާރީޚުގައި ރައީސްގެ ބީއެމްއެލް ރުފިޔާ އެކައުންޓުގައި 184,845.52 ރުފިޔާ އަދި ސޭވިންގްސް އެކައުންޓުގައި 1,701,470.44 ރުފިޔާ ހުއްޓެވެ. މީގެ އިތުރުން އިސްލާމިކް ބޭންކުގެ އެކައުންޓެއްގައި 1,000 ރުފިޔާ ހުރިކަމަށް ދައްކައެވެ. ލޯނާއި ދަރަނީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އަށް ދައްކަންޖެހޭ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ އޮތްކަންވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި މާލީ ބަޔާން އާންމުކުރައްވާފައިވަނީ ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން، ދައުލަތުގެ އެންމެ މަތީ ވެރިންގެ މާލީ ހާލަތު ރައްޔިތުންނަށް ހާމަކޮށްދެއްވުމުގެ މަގުސަދުގައެވެ.
ރިއެކްޝަންސް

