ފުޑް ކޯޓު ސަރަހައްދުން ގަވާއިދާ ޚިލާފަށް އުޅުނު 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 27 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުޑް ކޯޓު ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ގަވާއިދާ ޚިލާފަށް ހަރަކާތްތެރިވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މައުލޫމާތާ ގުޅިގެން، އިމިގްރޭޝަންގެ ޓާސްކްފޯހުން ވަނީ ރޭ އެ ސަރަހައްދަށް ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، ރޭގެ އޮޕަރޭޝަނުގައި ޖުމުލަ 88 ބިދޭސީއަކު ހުއްޓުވައި އެމީހުންގެ ލިޔެކިޔުންތައް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން 27 ބިދޭސީއަކީ ރާއްޖޭގައި އުޅުމުގެ ގަވާއިދާ ޚިލާފަށް ތިބި މީހުންކަން ކަށަވަރުވުމުން، އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން އިސްނަގައިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގީ" ގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށާފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ތިބި ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ގައުމީ މަޝްރޫއެކެވެ. އިމިގްރޭޝަނުން ދަނީ މާލެއާއި އަތޮޅުތެރޭގައި މިފަދަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަމުންނެވެ.
ރިއެކްޝަންސް





