ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކޮށް މަޝްވަރާއަށް އިސްކަންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގޮވާލައްވައިފި
ދުނިޔޭގެ ޞުލްޙައާއި ތަނަވަސްކަން ޤާއިމުކުރުމަށްޓަކައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިހުތިރާމްކުރުމުގެ އިތުރުން މަޝްވަރާކުރުން އިސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަށް ގޮވާލެއްވީ ކެމްބޯޑިއާގެ ނޮމް ޕެންގައި މިހާރު ކުރިއަށްދާ 2 ވަނަ އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގައި ތަގުރީރު ކުރައްވަމުންނެވެ. މި ކޮންފަރެންސް ކުރިއަށްދަނީ "ޞުލްޙައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ޞުލްޙަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މަޢުޟޫގެ ދަށުންނެވެ.
ތިމާވެށީގެ ރައްކާތެރިކަމާއި ޞުލްޙަ މަސަލަސްކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށާއި ޤައުމުގެ ސަލާމަތަށް ނުރައްކާވެ، ހަމަނުޖެހުންތަކަށް މަގުފަހިވެދާނެކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ތަރައްޤީއަކީ އެންމެންގެ ބައިވެރިވުން ހިމެނޭ، ފެންވަރު ރަނގަޅު ތަޢުލީމާއި ޒުވާނުން ބާރުވެރިކުރުވުން އެކުލެވޭ ކަމަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ހުރިހާ ފަރާތްތަކަކުން ވެސް މަޝްވަރާގެ މަގު އިޚްތިޔާރުކޮށް، ވަގުތުން ހަނގުރާމަ ހުއްޓާލުމަށް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ. އަދި ވާހަކަފުޅު ނިންމަވާލައްވަމުން، ބައިބައިވުމުގެ ބަދަލުގައި މަޝްވަރާކުރުމަށާއި، ބާރުގެ ބަދަލުގައި ހަރުދަނާ ޤާނޫނުތައް ހެދުމަށާއި، ދެކޮޅުވެރިކަމުގެ ބަދަލުގައި އެއްބާރުލުން އިސްކޮށް، އެންމެންގެ ކުރިއެރުން ހިމެނޭ މުސްތަޤުބަލެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރިއެކްޝަންސް

