ބޮޑުތަކުރުފާނު މަގުގެ އައު ނަރުދަމާއާއި ފެނުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، އައު ނަރުދަމާއާއި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު (ސެގްމަންޓް 2 އިން 5 އަށް) ތަރައްޤީކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ސެގްމެންޓް 2، 3 އަދި 4 އެއްގައި އައު ނަރުދަމާއާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް ނިމުމުގެ އިތުރުން، އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިންގ މަސައްކަތާއި 150 މީޓަރުގެ ކޮންކްރީޓް މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އެގޮތުން މަގު ކުރިއަށްވުރެ 6 މީޓަރު ފުޅާކޮށް، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މަގުގެ ތިންވަނަ ސެގްމަންޓް ހިމެނޭ ސަރަޙައްދުން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްޤީކުރުމެވެ. މި ޕާކިންގ ޒޯނަށް ބޭނުންވާ 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަޙައްދު މިހާރު ވަނީ ހިއްކައި ނިމިފައެވެ.
މި މަޝްރޫޢަކީ މާލޭގެ އުތުރުފަރާތުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެމްޓީސީސީގެ އަމާޒަކީ އަންނަ މަހުގެ ކުރީކޮޅު މަގުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. މިއާއެކު މާލޭގެ އެންމެ ބާރުބޮޑު އެއް ސަރަޙައްދަށް ދާއިމީ ލުޔެއް ލިބިގެންދާނެއެވެ.
ރިއެކްޝަންސް





