ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ސަމާލުކަން ދިނުން  މުހިއްމު: މެޑަމް ސާޖިދާ

ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް، ނަފްސާނީ ދުޅަހެޔޮކަމަށްވެސް ސަމާލުކަން ދިނުން މުހިއްމު: މެޑަމް ސާޖިދާ

2 hours ago - 14:22
Advertisement
Advertisement

ނަފްސާނީ ދުޅަހެޔޮކަމެއް ނެތި، ޙަޤީޤީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާނުކުރެވޭނެކަން ފާހަގަކުރައްވައި، ޖިސްމާނީ ދުޅަހެޔޮކަމާ އެއްވަރަށް ނަފްސާނީ ދުޅަހެޔޮކަމަށްވެސް އަހަންމިއްޔަތުކަން ދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި "ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16ވަނަ ބައިނަލް އަޤްވާމީ ކޮންފަރެންސް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދެ ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސް ކުރިއަށްދާނީ ނޮވެމްބަރު 1 އިން 2 އަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅިފައިވާ ކަމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި، މީސްތަކުންގެ މެދުގައި އޮންނަ ގުޅުމާއި، އަދި އަދުގެ ޖީލާއި، އަންނަން އޮތް ޖީލުތަކަށްޓަކައި މުޖުތަމަޢަކުން ބިނާކުރަން އެދޭ ދިރިއުޅުމުގެ ފެންވަރާ ގުޅިފައިވާ ކަމެއް ކަމުގައެވެ. މިސަރަޙައްދުގައި ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތައް އިތުރަށް ފާހަގަވަމުންދާ ކަމަށާއި، އޭގެ އަސަރު ހުރިހާ ޢުމުރެއްގެ، އަދި ހުރިހާ ފަންތިއެއްގެ މީހުންނަށް ފޯރަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހަމައެކަނި އެ ބަލިޙާލަތު ނޫން ކަމަށާއި، އޭގެ ވަށައިގެންވާ ހިމޭންކަމާއި، އަނެކުންގެ ފާޑުކިޔުންތަކަށް ގަންނަ ބިރުގެ ސަބަބުން، އެހީތެރިކަން ހޯދަން ފަސްޖެހުން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން، އެހީތެރިކަން ހޯދުމަކީ ނިކަމެތިކަމެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ، އަދި ތަފާތުކުރުމާއި ބާކީކުރުމުގެ ބަދަލުގައި، އޯގާތެރިކަމާއި އެކަކު އަނެކަކަށް ވިސްނައިދިނުން އިސްކުރާ، މުޖުތަމަޢުތަކެއް ބިނާކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މައެއްގެ ޙައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން، ކުދިންނާއި ޒުވާނުންގެ ނަފްސާނީ އަދި ޖަޒުބާތީ ދުޅަހެޔޮކަމާމެދު އެކަމަނާގެ އޮތް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ތަޢުލީމީ ގޮތުން ކުރިމަތިވާ ޕްރެޝަރުތަކާއި، މުޖުތަމަޢުގެ އުންމީދުތަކާއި، ޢާއިލީ ދަތިތަކުގެ އިތުރުން އިންޓަނެޓުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަކީ، ޅަ ސިކުނޑިތަކަށް ބުރަ ބޮޑުކުރުވާ ކަންކަން ކަމުގައި އެކަމަނާ ފާހަގަ ކުރެއްވިއެވެ. ހަމަ އެފަދައިން، ނަފްސާނީ ނުތަނަވަސްކަމުގެ ޢަލާމާތްތައް ދެނެގަތުމާއި، ފާޑުކިޔުމެއް ނެތި އަޑުއެހުމާއި، އަދި އަޅާލުމާއެކު އިޖާބަދިނުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ޒުވާނުންގެ ކިބައިގައި ނަފްސާނީ ހިތްވަރާއި ކެތްތެރިކަން އަށަގެންނެވުމަށް އެހީތެރިވުމުގެ ޒިންމާ ފެށެނީ ޢާއިލީ މާޙައުލުން ކަމަށާއި، އެއަށްފަހު އެ ޒިންމާ ސްކޫލްތަކަށާއި މުޅި މުޖުތަމަޢަށް ފުޅާވެގެންދާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.


ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް، ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޤައުމީ ޞިއްޙީ އެޖެންޑާގެ ބައެއްގެ ގޮތުގައި ހިމަނައިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ، ނަފްސާނީ ބަލިތަކާމެދު މުޖުތަމަޢުގައި އޮންނަ ނޭދެވޭ ތަޞައްވުރު ކުޑަކުރުމަށާއި، ބަލީގެ ކުރީކޮޅުގައި އެހީތެރިކަން ހޯދުމަށް ހިތްވަރުދިނުމަށާއި، ރިފަރަލް ނިޒާމުތައް ހަރުދަނާކުރުމަށާއި، އަދި އަސާސީ ޞިއްޙީ ޚިދުމަތުގެ ތެރޭގައި ނަފްސާނީ ޞިއްޙަތު ހިމެނުމަށް އިސްކަންދޭ 'ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025 އިން 2029' ގެ އިތުރުން، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ އެހީގެ ޚާއްޞަ ހެލްޕްލައިންގެ ދައުރު ފާހަގަ ކުރައްވާފައެވެ. އަދި މި ދާއިރާއިން ލިބޭ ކުރިއެރުން ވަޒަންކުރަންވާނީ ރަނގަޅުކުރެވޭ ދިރިއުޅުންތަކާއި، އާކޮށްދެވޭ އުންމީދުތަކުން ކަމަށާއި، އެއްވެސް މީހަކު ދިރިއުޅޭ ތަނެއްގެ ސަބަބުން އެމީހަކަށް ވަގުތުން ލިބެންޖެހޭ އެހީތެރިކަމުން މަޙްރޫމުވެގެން ނުވާނެކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.


މިދާއިރާގައި ސައިކޭޓްރިސްޓުންނާއި، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ނަރުހުންނާއި، ސޯޝަލް ވޯކަރުންނާއި، ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި، ދިރާސާކުރައްވާ ފަރާތްތަކާއި، އަދި ޞިއްޚީ ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމާއި، ފަންނީ ތަމްރީނާއި، ދިރާސާތަކުގެ ޒަރީޢާއިން، ޤައުމީ ފެންވަރުގައި ޤާބިލުކަން އިތުރުކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކަށް އެކަމަނާ ތައުރީފު ކުރެއްވިއެވެ. މިއާއެކު، ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އިތުރު ދިރާސާތައް ކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ފަރުވާ ދިނުމަށްޓަކައި، ކަމާބެހޭ ޢިލްމީ މަޢުލޫމާތު ޙާސިލުވެފައި ހުރުމުގެ އިތުރުން، އަބަދުވެސް އިންސާނިއްޔަތުކަމާއެކު އެ ޚިދުމަތް ދިނުމަކީ މުހިންމު ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ނަފްސާނީ ދުޅަހެޔޮކަމަށް ހުރި ގޮންޖެހުންތަކަކީ، ޤައުމެއްގެ ސަރަޙައްދީ އިމަކަށް ބަލާކަމެއް ނޫންކަން ފާހަގަކުރައްވައި، ސަރަޙައްދީ އެއްބާރުލުމުގެ މުހިންމުކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. އަދި މި ކޮންފަރެންސަކީ ދެމިގެންދާ ފަންނީ ގުޅުންތަކާއި، ގުޅިގެން ކުރެވޭ ދިރާސާތަކާއި، މީސްތަކުންގެ ދިރިއުޅުމަށް މާނަހުރި ހެޔޮ ބަދަލެއް ގެނެސްދޭނެ ޢަމަލީ މަސައްކަތްތަކަށް ހިތްވަރު ލިބިގެންދާނެ ކޮންފަރެންސެއް ކަމުގައި، އުންމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement