![ގޭންގް ކުށްތައް ނުހުއްޓުވި މިހާގިނަ ދުވަސްވީ ބައެއްގެ އިހުމާލުން- މެމްބަރު އިއްބެ](https://amaazmedia.com/uploads/images/202502/image_870x_67a9d7ae9ef74.jpg)
ގޭންގް ކުށްތައް ނުހުއްޓުވި މިހާގިނަ ދުވަސްވީ ބައެއްގެ އިހުމާލުން- މެމްބަރު އިއްބެ
މިއަދު ފެންނަނީ ވަރަށްގިނަ ކަންތައްތަކެއް އިސްލާހުވެގެންދާ މަންޒަރު ކަމަށް ވިދާޅުވި
ގޭންގް ކުށްތައް ނުހުއްޓުވި މިހާގިނަ ދުވަސްވީ ކޮންމެވެސްސް ބައެއްގެ އިހުމާލުން ކަމަށް ފުވައްމުލަކު ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ގޭންގްތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
އިއްބެ ވިދާޅުވީ ގޭންގް ކުށްތައް ހުއްޓުވުމަށް މިފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހުރިހާ ރައްޔިތުންނަށް އަމާންކަމާއި, ހިތްހަމަޖެހުމާ އުފާވެރިކަމާ އެއްކޮށް މިގައުމުގައި އުޅެވޭނެ މާހައުލެއް ޤާއިމްކުރުމަކީ ވެރިންގެ ޒިންމާއެއްކަން ފާހަގަކުރައްވާ ވިދާޅުވީ މިދިޔަ ސަރުކާރުތަކުން އެކަމުގައި އިހުމާލުވެފައިވާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުތަކުން މިފަދަ ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ނަމަވެސް ގޭންގް ކުށްތައް ނުހުއްޓުވާ މިހާގިނަ ދުވަސްތަކެއް މިވެގެންދިޔައީ ކީއްވެތޯ އިއްބެ ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ ގޭންގް ކުށްތައް ނުހުއްޓުވި މިހާގިނަ ދުވަސްވީ ކޮންމެސް ބައެއްގެ އިހުމާލުން ކަމަށެވެ.
" މިއަދުގެ ސަރުކާރުން މިފަދަ ހިތްވަރުގަދަ ޤާނޫނެއް މިގައުމަށް ގެނެސް ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި މިކުރައްވާ ބުރަމަސައްކަތަށް މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަށް އައްސަރިބަހާއި ސާބަސް ދަންނަވަން. މިއަދު ފެންނަނީ ވަރަށްގިނަ ކަންތައްތަކެއް އިސްލާހުވެގެންދާ މަންޒަރު." އިއްބެ ވިދާޅުވިއެވެ.
މެމްބަރު އިއްބެ ވިދާޅުވީ ގޭންގްތައް ހުއްޓުވުމަކީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް ގޭންގްތައް ހުއްޓުވުން ނޫން ކަމަށާއި, ސަރުކާރުން ކުރާ މަސައްކަތަކީ ޤާނޫނެއްގެ ތެރެއިން ރަނގަޅު މަގުދައްކާ ކުށްތަކަށް އަރައިގަތުން ހުއްޓުވުން ކަމަށެވެ. އެއީ މިމުޖުތަމައުއަށް ކުރިއަށް އޮތް ޖީލަށް ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުށުގެ މާހައުލުން މީހުން ސަލާމަތްކުރުމަށްޓަކައި މިފަދަ ޤާނޫނެއް އަންނަންޖެހޭ ކަމަށެވެ.
" ގޭންގްތައް ހުއްޓުވައިގެން ނޫނީއްޔާ މިކުޑަ ގައުމު ގައުމެއްގެ ގޮތުގައި ކުރިއަށްދާތަނެއް ނުފެންނާނެ. މިއަދު ފެންނަނީ ރާއްޖޭގައި ހުރި އެކިއެކި މުއައްސަސާތަކަށްވުރެ މަތީން ގޭންގްތައް މާބޮޑަށް ބާރުވެރިވެ, ގޭންގްތަކުގެ ނަހަމަ ބޭނުން ހިފަމުންދާ މަންޒަރު. " އިއްބެ ވިދާޅުވިއެވެ.
މިއަދު ހުށަހެޅުނު ބިލާ އެއްކަހަލަ ގޮތަކަށް 2010 ވަނަ އަހަރު ފާސްކުރި ގޭންގް ކުށްތައް މަނާކުރުމުގެ ޤާނޫނަށް އިޝާރާތްކުރައްވާ ވިދާޅުވީ އެޤާނޫނުން އެކަށީގެންވާ ނަތީޖާއެއް ހޯދިފައެއް ނެތް ކަމަށެވެ.
ގޭންގް ކުށްތަކާބެހޭ ބިލަށް ބަހުސްކުރަމުންދާއިރު އެމްޑީޕީގެ އެއްވެސް މެމްބަރެއް ތަޅުމުގައި ނެތްކަން ފާހަގަކުރައްވާ ވިދާޅުވީ އެމްޑީޕީއަކީ ގައުމަށް ރަނގަޅު ގޮތްވާން, ރަނގަޅު ކަންތަކެއް ކުރަން ބޭނުންވާ ބައެއް ނޫން ކަމަށެވެ.
ރިއެކްޝަންސް
![like](https://amaazmedia.com/assets/img/reactions/like.png)
![dislike](https://amaazmedia.com/assets/img/reactions/dislike.png)
![love](https://amaazmedia.com/assets/img/reactions/love.png)
![funny](https://amaazmedia.com/assets/img/reactions/funny.png)
![angry](https://amaazmedia.com/assets/img/reactions/angry.png)
![sad](https://amaazmedia.com/assets/img/reactions/sad.png)
![wow](https://amaazmedia.com/assets/img/reactions/wow.png)