ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އަސްކަރިއްޔާއަކަށް ނުދޭނެ ކަމަށް ސަރުކާރުން ބުނެފި!

ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އަސްކަރިއްޔާއަކަށް ނުދޭނެ ކަމަށް ސަރުކާރުން ބުނެފި!

1 hour ago - 10:27

ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް، އެއްވެސް ހާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ހާމަކޮށްފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނެރުނު މި ބަޔާނުގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސަރަހައްދާއި ދިވެހިދައުލަތުގެ ސިޔާދަތަކީ އެމައްޗަށް ދިވެހިރާއްޖޭގެ މިނިވަންކަން ބަރޯސާވާ، ބަދަލުނުކުރެވޭނޭ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ހައްގެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ހިމެނޭ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ދިވެހިދައުލަތާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.


މީގެއިތުރުން، އެ ހުދޫދުގެ ތެރެއިން ރާއްޖޭގެ ސަރަހައްދު ބަލަހައްޓައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކައުތެރިކުރުމަކީ ދިވެހިން ވަރަށް ފަހުރުވެރިކަމާއެކު ޒަމާނުއްސުރެ ކުރަމުންގެންދާ، އަދި ތާރީހު ހެކިދޭ ކަމެއްކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.


ދުނިޔޭގެ ޖޯގުރަފީއަށް ބަލާއިރު ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި އޮތް ގައުމެއްކަން ފާހަގަކޮށް ރައީސް އޮފީހުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ދަތުރުކުރާ މުހިންމު މަގުތަކެއް ކަމަށެވެ. އެހެންކަމުން، މި ސަރަހައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ބައިނަލްއަގްވާމީ ވިޔަފާރިއަށާއި، މި ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަމަށް ރާއްޖެއިން ޒަމާނުއްސުރެ ފޯރުކޮށްދޭ އަގުހުރި ހިދުމަތެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow