އިމްތިހާނުގެ ސުވާލުކަރުދާހަށާއި އިމްތިހާނު ބައްވާ ތާރީޚްތަކަށް ބަދަލުގެނައުން ކިހިނެއްވާނެބާ؟

އިމްތިހާނުގެ ސުވާލުކަރުދާހަށާއި އިމްތިހާނު ބައްވާ ތާރީޚްތަކަށް ބަދަލުގެނައުން ކިހިނެއްވާނެބާ؟

ދިވެހި މާއްދާއާއި އިސްލާމް މާއްދާއަކީ ދިވެހިރާއްޖޭގެ އެތެރޭގެ ދެ އިމްތިހާނު ކަމުގައިވާތީ، މި ދެމާއްދާގެ އިމްތިހާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބޭނުންވާ ތާރީޚަކަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެ މިނިސްޓްރީއަށް އޮންނާނެއެވެ.

9 months ago - 09:07
Dec 24, 2023 - 09:08

އިމްތިހާނުގެ ސުވާލުކަރުދާހަށާއި އިމްތިހާނު ބައްވާ ތާރީޚްތަކަށް ބަދަލުގެނައުން ކިހިނެއްވާނެބާ؟

ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ބިނާވެފައިމިވަނީ ޤައުމީ އިމްތިހާނުގެ ދެ މާއްދާ (ދިވެހި، އިސްލާމް) އަށާއި ކެމްބްރިޖް ގެ މާއްދާތަކުގެ އިމްތިހާނުތަކުގެ މައްޗަށެވެ. ޖުމްލަކޮށް ބުނާނަމަ އިމްތިހާނުގެ މައިގަނޑު މާއްދާތައް ހިމެނިފައި މިވަނީ ބޭރުކަރައިގެ މާއްދާތަކުގެ މައްޗަށެވެ. އަޅުގަނޑުގެ މި ލިޔުން އަމާޒުކޮށްފައިމިވަނީ އިމްތިހާނަށް ގެނެވިދާނެ ބަދަލެއްގެ މައްޗަށެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއްގެ މައްޗަށް ލިޔެފައިވާ ލިޔުމަކަށްވާތީ، މިއީ ގިނަބަޔަކު ތާޢީދުކުރާކަމަކަށް ނުވެ ހިނގައިދާނެއެވެ. 

އިމްތިހާނު ކަރުދާހަށް ކޮންމެހެންވެސް ގެންނަންޖެހޭ ބަދަލެއް

އެސް.އެސް.ސީ. އިސްލާމް މާއްދާގެ އިމްތިހާނު ކަރުދާހަށް ކޮންމެހެންވެސް ގެންނަންޖެހޭ ބަދަލެއްކަމަށް، އިސްލާމް ކިޔަވައިދެއްވާ ހުރިހާ ޓީޗަރުންހެން ޤަބޫލުކުރައްވާ އެއްކަމެއް އެބައޮތެވެ. އެއީ ސުވާލުކަރުދާސް 1 ގައި ޔުނިޓްތަކަށް ދީފައިވާ އަގު (ސުވާލުގެ ބުރަދަން) ބަދަލުކުރުމެވެ. މިހާރުގެ އޮނިގަނޑު ތަރުތީބުކުރެވިފައިވާ ގޮތުން އިސްލާމީ ތާރީޚާއި ޙަޟާރަތު ޔުނިޓުން ޖުމްލަ 5 ސުވާލު ހިމަނައި، މިޔުނިޓަށް ދީފައިވަނީ 5 މާކުހެވެ. މި ޔުނިޓްގައި ގްރޭޑް ނުވައެއްގެ ފޮތުން ޖުމްލަ 32 ސަފުހާހިމެނޭއިރު ގްރޭޑް ދިހައެއްގެ ފޮތުން 41 ސަފުހާ ހިމެނެއެވެ. އެހެންކަމުން އިސްލާމީ ތާރީޚާއި ޙަޟާރަތު ޔުނިޓުން މުޅިޖުމްލަ 73 ސަފުހާ ހިމެނެއެވެ. މިޔުނިޓުގައި 14.6 ސަފުހާއިން ހިމަނާފައިވަނީ އެއް ސުވާލެވެ. މާނައަކީ ކޮންމެ 14 ޞަފުޙައަކަށް ދީފައިމިވަނީ އެންމެ މާކުހެކެވެ.

Advertisement

އިސްލާމީ ޡަޤާފީ ޔުނިޓްގައި ގްރޭޑް ނުވައެއްގެ ފޮތުން 18 ސަފުހާ ހިމަނާފައިވާއިރު، ގްރޭޑް ދިހައެއްގެ ފޮތުގައި ހިމަނާފައިވަނީ 13 ސަފުހާއެވެ. މިއީ ޖުމްލަ 31 ސަފުހާއެވެ. ދެޔުނިޓް އަޅާކިޔާނަމަ، އިސްލާމީ ތާރީޚާއި ޙަޟާރަތު ޔުނިޓަށްވުރެ އިސްލާމީ ސަޤާފީ ޔުނިޓުގައި 42 ސަފުހާ މަދެވެ. އެހެންނަމަވެސް މި ޔުނިޓުން ޖުމްލަ 7 ސުވާލު ހިމަނައި، 7 މާކްސް ދީފައިވެއެވެ. މިޔުނިޓުގައި 1.3 ސަފުހާއިން ސުވާލެއް ހިމަނާފައިވެއެވެ. މާނައަކީ ކޮންމެ 1.3 ސަފުހާއަކަށް 1 މާކްސް ދީފައިވެއެވެ. 

އިސްލާމީ އަޚްލާޤު ޔުނިޓަށް ބަލައިލާއިރު މިޔުނިޓުން ގްރޭޑް ނުވައެއްގެ ފޮތުން 42 ސަފުހާ ހިމަނާފައިވާއިރު، ގްރޭޑް ދިހައެއްގެ ފޮތުގައި ހިމަނާފައިވަނީ 31 ސަފުހާއެވެ. މިއީ ޖުމްލަ 73 ސަފުހާއެވެ. އިސްލާމީ އަޚްލާޤު ޔުނިޓުން 18 ސުވާލު ހިމަނައި 18 މާކުސް ދީފައިވެއެވެ. މިޔުނިޓުގެ ކޮންމެ 4.05 ސަފުހާއިން 1 ސުވާލު ހިމަނާފައިވެއެވެ. މާނައަކީ ކޮންމެ 4.05 ސަފުހާއަކަށް 1 މާކްސް ދީފައިވެއެވެ.

މަތީގައިވާ ހިސާބުތަކަށް ބަލައިލާއިރު، އިމްތިހާނު ކަރުދާހުގައި ސުވާލުތައް ހިމަނާފައިވާ އަދަދާއި މާކުސް ދީފައިވާ އުސޫލަށްބަލާއިރު އެއީ އެންމެ އިންސާފުވެރިކޮށް ނިންމާފައިވާ ނިންމުމެއްތޯ ތަޢުލީމީ ވުޒާރާއިން ދެވަނަ ފަހަރަށް ވިސްނާލެއްވުން ބުއްދިވެރި ނުވާނެބާއޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އެސް.އެސް.ސީ. އިސްލާމް އިމްތިހާނުގެ ސުވާލުކަރުދާހުގެ ސްޓްރަކްޗާރ އަށް ބަދަލުގެންނައުމާ ދޭތެރޭގައި ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުނުވޭތޯއެވެ؟

އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އިމްތިހާނު ކަރުދާހުގައި ސުވާލު ހިމަނަންވާނީވެސް އަދި މާކުސް ދޭންވާނީވެސް ކިޔަވައިދޭ މަޢުލޫމާތުގެ ބުރަދަނަށާއި، ކިޔަވައިދޭން ހޭދަވާ ވަގުތަށްވެސް ބަލައިގެން އެކަށީގެންވާ ގޮތަކަށެވެ. އެހެންކަމުން އިސްލާމް މާއްދާގެ ސުވާލުކަރުދާސް 1 އަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ޤަބޫލުކުރެވެއެވެ.

އިމްތިހާނު ބާއްވާ ދުވަސްވަރަށް ގެނެވިދާނެ ބަދަލެއް

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖޭގައިތިބި ކިޔަވާކުދިންގެ ތެރެއިން ގްރޭޑް 10 ނިންމާކުދިންނާއި ގްރޭޑް 12 ނިންމާކުދިންގެ އިމްތިހާނު ދެބަޔަކަށް ބަހާލައިގެން ގެންގޮސްފިނަމަ މިހާރަށްވުރެ ފައިދާ ބޮޑުވެފައި ނަތީޖާ ރަނގަޅުވާނެއެވެ.

ސާނަވީ އާއި މަތީ ސާނަވީގައި ކިޔަވާކުދިންގެ އިމްތިހާނުގައި ހިމެނޭ ލޯކަލް (ދިވެހިރާއްޖޭގެ އަމިއްލަވަންތަ) އިމްތިހާނުގައި ހިމެނޭ ދެމާއްދާކަމުގައިވާ ދިވެހި މާއްދާ އާއި އިސްލާމް މާއްދާގެ އިމްތިހާނު، އެހެން މާއްދާތަކަށްވުރެ ކުރިން ނެގުމަކީ ރަނގަޅުކަމެކެވެ. މިސާލަކަށް ދިވެހި މާއްދާ އާއި އިސްލާމް މާއްދާ ރޯދަމަހުގެ ކުރިން ނެގިދާނެއެވެ. މީގެ ސަބަބުން ދެގޮތަކުން ކިޔަވާކުދިންނަށާއި ސްކޫލްތަކުގެ ޓީޗަރުންނަށް ފައިދާބޮޑުވެފައި ސިކުނޑިއަށް ލުއިވާނެކަމަށް ފެނެއެވެ.

ފުރަތަމަ ފައިދާއަކީ މާއްދާތަކުން ދަރިވަރުންނެރޭ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެކަމަށް ފެނެއެވެ. އެހެނީ ދަރިވަރުން ފުރަތަމަ މަސައްކަތް ކުރާނީ ދިވެހި މާއްދާއަށާއި އިސްލާމް މާއްދާއަށެވެ. ހަމައެކަނި މި ދެމާއްދާގެ އިމްތިހާނަށް އަމާޒުކޮށްގެން މަސައްކަތް ކުރާނަމަ މިދެމާއްދާގެ ނަތީޖާ ބޮޑުތަނުން ރަނގަޅުކުރުމަށް ފުރުސަތު ލިބިގެބންދާނެއެވެ. ފިލާވަޅުތައް ކިޔާ ދަސްކުރުމަށް އެކަށީގެންވާ ވަގުތު ދަރިވަރުންނަށް ލިބިގެންދާއިރު، ދަރިވަރުން ގޮވައިގެން މަސައްކަތް ކުރުމަށް އެކަށީގެންވާ ވަގުތު ޓީޗަރުންނަށް ވެސް ލިބޭނެއެވެ. މިދުވަސްވަރު ދަރިވަރުންގެ ފޯކަސް ހުންނާނީ ހަމައެކަނި ދިވެހި މާއްދާއަށާއި އިސްލާމް މާއްދާގެ ނަތީޖާ ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ދެވަނަ ފައިދާއަކީ ދިވެހި، އިސްލާމް މާއްދާގެ އިމްތިހާނަށް ފަހު ފަނަރަ ނުވަތަ ވިއްސަކަށް ދުވަސްފަހުން ކެމްބްރިޖް އިމްތިހާނު ފަށާނަމަ ދެން ދަރިވަރުން ދަސްކުރަންޖެހޭނީ ހައެއް ނުވަތަ ފަސްމާއްދާއެވެ. އެހެންކަމުން ފިލާވަޅުތައް ދަސްކުރުމަށްލިބޭ ވަގުތު އިތުރުވެގެން ދާނެއެވެ. ދިވެހި މާއްދާއާއި އިސްލާމް މާއްދާ ނިމިފައިވާތީ ދަރިވަރުން ކުރަންޖެހޭ މަސައްކަތް ކުޑަކަމުގެ އިޙްސާސް ދަރިވަރުންނަށް ކުރެވޭނެއެވެ. މިގޮތަށް މިކަން ހަމަޖެހިއްޖެ ނަމަ ދަރިވަރުންގެ ސިކުނޑިއަށް ކުރާބާރު ވަރަށް ބޮޑުތަނުން ކުޑަވެގެން ދާނެއެވެ. މާއްދާތަކުން ނަތީޖާ ނެރެވޭނެކަމުގެ ޔަޤީންކަން ކުދިންނަށްވެސް އިތުރުވެގެން ދާނެއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ ޔަޤީންކަން ބޮޑުވާނެއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހި މާއްދާއާއި އިސްލާމް މާއްދާއަކީ ދިވެހިރާއްޖޭގެ އެތެރޭގެ ދެ އިމްތިހާނު ކަމުގައިވާތީ، މި ދެމާއްދާގެ އިމްތިހާނު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބޭނުންވާ ތާރީޚަކަށް ހަމަޖެއްސުމުގެ އިޚްތިޔާރު އެ މިނިސްޓްރީއަށް އޮންނާނެއެވެ.

މި ދައުރުގެ ތަޢުލީމީ ވުޒާރާ ހިންގުމާ ޙަވާލުވެ ވަޑައިގެން ތިއްބެވީ ޤާބިލު، ވިސްނުންތެރި ބޭފުޅުންނެވެ. މިއީ އެއްވެސް ބަޔަކު އިންކާރުކުރާނެ ކަމެއްނޫނެވެ. ވީމާ މިކަމާމެދު ތަޢުލީމީ ވުޒާރާގެ ވެރިން ވިސްނަވާނެކަން އަޅުގަނޑަށް ޔަޤީނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow