ފުރުޞަތުގެ ބޭނުންހިފާ ރިއަލް މެޑްރިޑުން އަލުން ތާވަލްގެ އެއްވަނައަށް
ލަލީގާގައި އާދިއްތަ ދުވަހު ލަސް ޕަލްމަސް އަތުން 4-1 ން މޮޅުވެ ރިއަލް މެޑްރިޑުން އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. ރޭ އެތްލެޓީކޯ މެޑްރިޑްއިން ލެގަނޭސް އަތްދަށުވެ, ބާސެލޯނާއިން ގެޓާފޭ އާ އެއްވަރުވުމުގެ ފައިފާ ނަގާ ރެއާލުން ވަނީ 46 ޕޮއިންޓާއެކު ދެ ޕޮއިންޓަށް ލީޑު ފުޅާކޮށްފައެވެ.
ރިއަލްގެ ދަނޑުގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ފުރަތަމަ ގޯލް ކާމިޔާބުކޮށް ލަސް ޕަލްމަސްއިން ވަނީ ކާލޯ އަންޗޮލޮޓީއަށް ޝޮކެއްދީފައެވެ. އެއީ މެޗު ފެށިގެން ގާތްގަނޑަކަށް 25 ވަނަ ސިކުންތުގައެވެ.
ނަމަވެސް ޝޮކުން އަރައިގަނެ އިތުބާރާއެކު ކުޅެމުންދިޔަ ރިއަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ 18 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ އެވެ. މިއީ ރޮޑްރީގޯއަށް ކުރި ފައުލަކާ ގުޅިގެން ރެއާލްއަށް ލިބުނު ޕެނަލްޓީއެކެވެ.
ރިއަލްއަށް 33 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ބްރަހިމް ޑިއަޒްއެވެ. ކައުންޓަރ އޭޓޭކެއްގައި ރޮޑްރީގޯ ނަގައިދިން ހުރަސް ގޯލުގެ މަތީކަނަށް ފޮނުވާލައިގެން އޭގެ ތިން މިނިޓް ފަހުން އެމްބާޕޭ ވަނީ ރިއަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި އެމްބާޕޭ ވަނީ 42 ވަނަ މިނިޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ވީއޭއާރުން ވަނީ ގޯލް ބަލައިނުގެންފައެވެ. މެޗުގައި ރެއާލްގެ އިތުރު ދެ ގޯލެއްވެސް ވީއޭއާރުން ރޫލްއައުޓްކޮށްފައިވާއިރު އެ ދެގޯލް ކާމިޔާބުކުރީ ދެވަނަ ހާފުގައި ޖޫޑް ބެލިންގްހަމް އަދި ފެޑްރީކޯ ވަލްވާޑޭ އެވެ.
މެޗުގައި ރިއަލްގެ ފަހު ގޯލް 57 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ރޮޑްރީގޯއެވެ.
މެޗުގެ 64 ވަނަ މިނިޓްގައި ލަސް ޕަލްމަސްގެ ކުޅުންތެރިއަކަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީ ބައި ލަސް ޕަލްމަސްއިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން ބެނީތޯ ރަމިރޭޒް ރިއަލްގެ ލޫކަސް ވަޒްކޭޒް އަށް ކުރި ނުރައްކާތެރި ފައުލާ ގުޅިގެން ރެފްރީ ވަނީ ފުރަތަމަ ރީނދޫ ކާޑެއް ދައްކާފައެވެ. އަދި ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނ އޭނާގެ ކާޑު ސީދާ ރަތަކަށް ބަދަލުކޮށްފައެވެ.
ރިއެކްޝަންސް