
ހައިކޯޓްގެ ފަނޑިޔާރުކަމާ ހަވާލުނުވާން ނިންމައިފިން- ޝަހީދު
ހައިކޯޓްގެ ފަނޑިޔާރުކަމާ ހަވާލުނުވާން ނިންމާ އެކަން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގިކަން މުޙައްމަދު ޝަހީދު ކަށަވަރުކޮށްދެއްވައިފިއެވެ.
ހައިކޯޓްގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ޖޭއެސްސީން ކަނޑައެޅުއްވި ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މިދިޔަ ޖުލައިމަހު ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާދެއްވި ޝަހީދުއެވެ. މިރޭ ފަނޑިޔާރުކަމަށް އައްޔަންކުރައްވަން ތާވަލްކޮށްފައި ވަނިކޮށް, މަގާމާ ހަވާލުނުވާން ޝަހީދު ނިންމެވީ ފާޑުކިއުއުންތައް އަމާޒުވާން ފެށުމުންނެވެ. އެއީ އޭނާ އަކީ ސިޔާސީ މީހެއްކަމަށް ބުނެ އަމާޒުވި ފާޑުކިއުންތަކެވެ. ޝަހީދު މަގާމާ ހަވާލުނުވެ, އަނބުރާ ނަން ނަންގަވަން ނިންމެވީ ކޯޓަކީ ސިޔާސީ ނިންމުން ނިންމާ ސިޔާސީ ތަނެއްކަމަށް ގަބޫލުކުރުމުގެ ފުރުޞަތު ނުދެއްވުމަށެވެ.
"ލައްބަ, އަޅުގަނޑު މަގާމާ ހަވާލުނުވާން ނިންމީ" އެޚަބަރުގެ ސައްހަކަން ކަށަވަރުކުރަން ކުރި މެސެޖަށް ޖަވާބުދެއްވަމުން ޝަހީދު ވިދާޅުވިއެވެ.
ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ނިންމެވީ ޝަހީދުގެ އިތުރުން ސިވިލް ކޯޓްގެ ކުރީގެ ގާޒީ އަބްދުالله ޖަމީލް މޫސާއެވެ. ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރައްވަނީ އެކޯޓްގެ ދެ ފަނޑިޔާރުން ސްޕްރީމް ކޯޓަށް އައްޔަންކުރެއްވުމުން ހުސްވި ދެ ޖާގައަށެވެ.
ރިއެކްޝަންސް






