
ހިންދު ރަޖަބް ފައުންޑޭޝަނުން އިޒްރާއިލްގެ ސިފައިންގެ ޖެނެރަލަކާ ދެކޮޅަށް އައިސީސީގައި ދައުވާ އުފުލައިފި
ބެލްޖިއަމްގައި ގާއިމްކޮށްފައިވާ ހިންދު ރަޖްބް ފައުންޑޭޝަން (އެޗްއާރުއެފް) އިން އިޒްރާއިލްގެ އަސްކަރިއްޔާގެ ބްރިގޭޑިއާ ޖެނެރަލް ޔެހޫދާ ވާޝް އާ ދެކޮޅަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގައި ދައުވާ އުފުލައިފިއެވެ.
2024 ގައި އުފެއްދި މި ފައުންޑޭޝަން އަކީ އިޒްރާއިލްގެ އަސްކަރިއްޔާއަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ކަންކަމުގައި އަސްކަރިއްޔާ ޖަވާބުދާރީ ކުރުވުމަށް ޤާނޫނީ ހައިސިއްޔަތު ލިބޭގޮތަށް އުފައްދާފައިވާ ޤާނޫނީ ވަކީލުންގެ ބޮޑު ޓީމެއް ހިމެނޭ އަމިއްލަ ޖަމާއަތެކެވެ.
މިއީ އިޒްރާއިލްގެ އަސްކަރިއްޔާއިން 2024ގައި ހިންދް ރަޖަބް އޭނާގެ އާއިލާއާއެކު ދަތުރުކުރި ކާރަށް ދިން 335 ހަމަލާއެކު ކާރުގެ ތެރޭގައި ޝަހީދުވެފައި އޮތް 5 އަހަރުގެ ހިންދު ރަޖަބްގެ ހަނދާނުގައި އަދި އިޒްރާއިލްގެ އަސްކަރިއްޔާގެ ޤަތުލްއާންމުގައި ޣައްޒާއިން ނެތިކޮށްލި ކޮންމެ ފުރާނައެއްގެ ހަނދާނުގައި އުފައްދާފައިވާ ޖަމާއަތެކެވެ.
ފައުންޑޭޝަން އުފެއްދުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުންނާބުއުސް ޤާނޫނީ ވަކީލުންވަނީ ފައުންޑޭޝަނާ ގުޅި އިޒްރާއިލްއިން ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކާގުޅޭ ހެކި އެއްކުރަންފަށާފައެވެ. ޙާއްސަގޮތެއްގައި މީސްމީޑިއާގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ފަރާތްތަކުން އާންމުކޮށްފައި ހުރި ޤަތުލްއާންމުގައި ބައިވެރިވެ ހަނގުރާމައިގެ ޖަރީމާ ހިންގުމުގައި ބައިވެރި ކަމުގެ ސާފު ހެއްކާއެކު ކޭސްތައް ތައްޔާރުކުރަން ފެށިއެވެ.
އެޗްއާރުއެފް އިން ބުނި ގޮތުގައި ވާޝް އަކީ އިޒްރާއިލް އަސްކަރިއްޔާއިން ނެޓްޒަރިމް ކޮރިޑޯގެ ޤައިރުގާނޫނީ 'މަރާ ޒޯން' ގެ ކޮމާންޑާރުގެ ގޮތުގައި ހުރެ ފަލަޞްޠީނުގެ އާންމުންނަށް, ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށް ބަޑިޖެހުމަށް ސްނައިޕަރުންނަށް އަމުރުކުރި ފަރާތްކަމަށް ބުނެފައެވެ. އަދި އޭނާގެ އަމުރަށް މޯބައިލް ފެޓްރޯލް އުޅަނދުތަކުގައި ޔަހޫދީ ސިފައިންވަނީ ޣައްޒާގައި އެތަކެއް ޤަތުލެއް ހިންގާފައިކަމަށްވެސް އެޗްއާރުއެފްއިން ވަނީ ބުނެފައެވެ.
ކޯޓުގައި އެޗްއާރުއެފްއިން ވާޝް އާ ދެކޮޅަށް ޣައްޒާގެ ދެ ކުޑަކުއްޖެއް ރަހުމެއްނެތި މެރިކަމުގެ ދައުވާ އުފުލާފައިވަނީ އެކުދިންގެ އާއިލާގެ ފަރާތުން 'ޕަވަރ އޮފް އެޓަރނީ' ހޯދުމަށްފަހު ކަމަށް އެޖަމާއަތުން ވަނީ ބުނެފައވެ.
ރިއެކްޝަންސް






