
ތޫފާނެއްގެ ސަބަބުން ދިގުލައިގެންދިޔަ މެޗުގައި ފަހުވަގުތު ބެންފީކާގެ މައްޗަށް ކުރިހޯދާ ޗެލްސީ ކުއާޓާއަށް
ގަދަ 16 ގައި ބްރެޒިލްގެ ދެ ކްލަބްގެ ކުރިމަތިިލުން އިތުރު ވަގުތުގައި ކާމިޔާބުކުރި ޕަލްމެރިރާސް ކުއާޓަރ ގައި ބައްދަލުކުރާނީ ޗެލްސީއާ
ފީފާ ކްލަބް ވޯލްޑްކަޕްގެ ގަދަ 16ގައި ބެންފީކާއާއި ޗެލްސީ ބައްދަލުކުރިމެޗުގެ އިތުރު ވަގުތުގެ ދެހާފުގައި ކާމިޔާބުކުރި ގޯލްތަކާއެކު ބެންފީކާ ބަލިކޮށް ޗެލްސީން ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
ތޫފާނެއްގެ ސަބަބުން ދެގަޑިއެއްހާއިރަށް މެދުކަނޑާލުމަށްފަހު ކުޅެންފެށިތަނާ މާގިނައިރަށްނުވެ ބެންފީކާގެ ކުޅުންތެރިއަކަށް ދެ ރީނދޫ ކާޑާއެކު ރަތްކާޑެއް ހޯދުމުގެ ސަބަބުން އިތުރު ވަގުތުގެ ދެ ހާފުވެސް ބެންފީކާ ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ. ޗެލްސީން ފައިދާ ނަގާ ބެންފިކާ ކޮޅަށް ނުވަ މިނިޓް ތެރޭގައި ތިން ގޯލް ވަނީ ކާމިޔާބުކޮށްފައެވެ.
ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗު ތޫފާނުގެ ސަބަބުން މެދުކަނޑާލިއިރު 1-0 ން ކުރީގައި އޮތީވެސް ޗެލްސީއެވެ. 64 ވަނަ މިނިޓްގައި ޗެލްސިީއަށް ލީޑު ނަގައިދިނީ ގޯލާ ކައިރިން ލިބުނު ހިލޭޖެހުމުން ރީސެ ޖޭމްސް އެވެ.
އެ ގޯލަށްފަހު ކުޑަ އިރުކޮޅެއްފަހުން މެޗުވަނީ ހުއްޓާލާފައެވެ. އެނބުރި ކުޅުމުގެ ތެރެއަށްއައިސް މާގިނައިރެއް ނުވެ, ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގައި ބެންފީއިން ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކުރީ ބެންފީކާ އާއެކު ފަހު މެޗު ކުޅުނު އާޖެންޓީނާގެ ލެޖެންޑް އަންހެލް ޑި މަރިއާއެވެ
ނަތީޖާ އެއްވަރުވެ އިތުރު ވަގުތުގެ ދެ ހާފު ކުޅެންޖެހުނުއިރު މެޗުގެ އޮއިވަރު ބަދަލުވީ ބެންފީކާގެ ޒުވާން ކުޅުންތެރިޔާ ޖިއަންލޫކާ ޕްރެސްޓިއަންނީ އަށް ދެއްކި ރަތްކާޑާއެކުއެކު މެޗުގެ ބާކީބައި 10 ކުޅުންތެރިނާއެކު ބެންފީކާއިން ކުޅެންޖެހުމާއެކުއެވެ.
އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް އަކުން ލީޑު ނަގައިދިނީ ކްރިސްޓޮފާ ނުކުންކޫއެވެ. ފަހު ހާފުގައި ޗެލްސީގެ ފަހު ދެގޯލް ގާތްގާތުގައި ކާމިޔާބުކުރީ ޕެޑްރޯ ނޭޓޯ އަދި ކިއަރނަން ޑިއުސްބަރީ-ހޯލް އެވެ. މި ދެ ގޯލްކާމިޔާބުކުރުމުގައި އެހީތެރިވީ މޮއިސެސް ކެސީޑޯ އަދި ކޯލް ޕާމާ އެވެ.
ބޭންކް އޮފް އެމެރިކާގެ 74,867 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ދަނޑަށް ވަދެފައިވަނީ އެންމެ 25,929 މީހުންނެވެ.
ރޭ އިރާކޮޅު ގަދަ 16ގެ ފުރަތަމަ މެޗުގައި ކްލަބް ވޯލްޑްކަޕްގައި ފެނިގެންދާނެ ހަމައެކަނި ބްރެޒިލްގެ ދެޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ޕަލްމެއިރާސް އެވެ.
މެޗުގެ ހަމައެކަނި ގޯލް އިތުރުވަގުތުގެ ފުރަތަމަ ހާފުގައި ކާމިޔާބުކުރީ 63 ވަނަ މިނިޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ޕަލީނިއޯއެވެ.
ދެޓީމްގެ ފަރާތުންވެސް ދަށް ކުޅުމެއް ފެނިގެން ދިޔަ މެޗުގައި އިތުރު ވަގުތުގެ ދިހަ ވަނަ މިނިޓްގައި ޕަލީނިއޯ ކާމިޔާބުކުރި ގޯލާހަމައަށް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ވަރުގެ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
ޕަލްމެއިރާސްވެސް މެޗު ނިންމާލީ 10 ކުުޅުންތެރިންނާއެކުއެވެ. ދެ ރީނދޫ ކާޑު ހަމަވެ ރައްކާޑެއް ލިބުމާ ގުޅީިގެން ޕަލްމެއިރާސްގެ ކެޕްޓަން ގުސްތާވޯ ގޯމޭޒްއަށް ކުއަރޓަރ ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅޭމެޗު ގެެއްލޭނެއެވެ.
ރިއެކްޝަންސް






